(1) ރާއްޖެކަހަލަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ދީނާއި ދަައުލަތް ވަކި ކުރުމަކީ އަހަރެން ގަބޫލު ކުރާ އުސޫލެއް ނޫނެވެ. ކޮންމެ އިންތިހާބެއްގައިވެސް ލާދީނީ މީހުން ވެރިކަމަށް ނުގެންނަން ގިނަ ދިވެހިން މަސައްކަތް ކުރެއެވެ. ހާއްސަކޮށް ދީނާއި ދައުލަތް ވަކި ނުކުރުން އެއީ ވޯޓުދިނުމުގައި އެއްމެ އިސްކަމެއްދޭ ކަމަކަށް ވަނީ ވެފައެވެ. އެކަމަކު އަހަރެމެންގެ ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއްގައިހެން ފެނިގެންދަނީ މިއާ ޚިލާފަށް ކަންކަން ކުރަމުންދާ ތަނެވެ. އަހަރެމެންގެ މުޖުތަމައުގެ މިއަދުގެ ހާލަތަކީ އެކަމުގެ ހެއްކެކެވެ.
(2) ދާދިފަހުން އިސްލާމީ ޔުނިވާސިޓީއެއް ރާއްޖޭގައި އުފެދުމުން ގިނަ ބަޔަކަށް ހީވާނީ އެއީ މިގައުމުގައި ދީނީގޮތުން ކަންކަން ރަނގަޅުވެގެން ދާނެ ކަމެއް ގޮތުގައެވެ. އަހަރެންގެ ހިޔާލު ތަފާތެވެ. އަހަރެން ދެެކެނީ މިއީ ދައުލަތުގެ މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ތެރޭގައި ދީން ވަކި ކޮށްލުން ކަމަކަށެވެ. އެކަމަކު އެއީ ސިޔާސީގޮތުން ބަޔަކަށް ލިބުނު ފައިދާއަކަށް ވެދާނެއެވެ. އަދި ސިޔާސީގޮތުން އެފައިދާ ނަގާނެވެސްމެއެވެ.
(3) ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިސްލާމީ ޔުނިވާސިޓިއެއްގެ ގޮތުގައި ނުހިންގެންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ދެކޭ ގޮތުގައި ޔުނިވާސިޓީއިން ކުރިއަށް ގެންދާ ކޮންމެ ކޯހެއްގައި ދީނީ ބައި ހިމެނެން ޖެހޭނެއެވެ. އެތަނުން ކިޔަަވައި ނިމޭކުދިންގެ ވިސްނުމުގައި ކިޔެވި އެއްޗެއް ދީނީ ނަޒަރަކުން ބެލުމުގެ ވިސްނުން ހުންނަވަރަށް ދީނީބައި ކިޔަވާ ދެވެން ޖެހޭނެއެވެ. އިސްލާމީ އެހެން ޔުނިވާސީޓީއެއް ހެދުމުން ގައުމީ ޔުނިވާސިޓީގައި މިގޮތަށް މިކަމަށް ދެވޭނެ އިސްކަން ކުޑަވެގެން ދާނެއެވެ. އަހަރެން ދެކެނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ހިންގަން އެންމެ ރަނގަޅީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ ހިންގާ ގޮތަށެވެ. ކިޔަވައިދޭ ހުރިހާ ކޯސްތަކެއްގައި ދީނީ ކުލަ ޖައްސާގެން ކިޔަވާދިނުމެވެ.
(4) ރާއްޖެ ކަހަލަ ގާނޫނީގޮތުން ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ހުރިހާ ކަމެއް ވާންޖެހޭނީ “އިސްލާމީ” ކަމަކަށެވެ. ހުރިހާ މުއައްސަސާތަކެއް ވާންޖެހޭނީ “އިސްލާމީ” ތަންތަނަށެވެ. “އިސްލާމީ” މިނަން ނަމުގައި ނެތަސްވެސް މެއެވެ.
(5) ރާއްޖޭގެ ސްކޫލްތަކުގައިވެސް ކަންތައްދަނީކީ ވަކި ރަނގަޅަކަށް ނޫނެވެ. “ދީނީ ތަރުބިއްޔަތު” ނުވަތަ “އިސްލާމް” އަކީ ވަކި ގަޑިއެކެވެ. ވަކި ޕީރިަޑެކެވެ. އެޕީރިއަޑު ނިމުމުން ދެން ކިޔަވާ އެއްޗެއްގައި ނުވަތަ ކުރާކަމެއްގައި އިސްލާމްކަމެއް އޮވޭތޯ ބެލުމެއް ނެތެވެ. ސްކޫލް ހަރަކާތްތައް ހިންގުމުގައި ނަމާދު ގަޑިއާ ފުށުއަރަނީ ކިހާވަރަކަށްތޯއެވެ؟ ނަމާދުގަޑިތަށް ކަޓާގޮތަށް ބޭން ޕްކްޓިހާ ކެޑޭޓް ޕްރެކްޓިސް ބާއްވަމުން ދިޔަތަން އަހަރެމެންނަށް ފެނިފައި ވެއެވެ. މިއަދު ގުރުއާން މުބާރާތުގައި ކިޔަވާ ކުއްޖާ މާދަމާއަރާނީ ސްކޫލްގެ އަހަރީ ކޮންސަޓަށް މިނިސްކާޓް ލާފައި ބާބީގާލް ލަވަޔަށް ނަށާށެވެ. މިކަހަލަ ނިޒާމެއްގެ ތެރެއިން ނިކުންނަ ކުދިން ދީނާއި ބީރައްޓެހިވާނެވަރު މިއީ އަހަރެމެންގެ މުޖުތަމައު ދައްކާދޭ ހަގީގަތެކެވެ.
(6) އަހަރެން މިއީ ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމުއްގެ ގޮތުގައި އަބަދުވެސް އޮންނަން ދެކެން ބޭނުންވާ މީހެކެވެ. އެކަމަކު ކިޔެވުމާއި ދިރި އުޅުމުގެ އެހެން ގިނަ ކަންތައްތަކުގައިވެސް ދީން ވަކި ކުރުމުގެ ސަބަބުން އަހަރެމެންގެ މުޖުތަމައު ދަނީ ލާދީނީ ވަމުންނެވެ. ރާއްޖޭގައި ހުރިހާ ކަމެއް “ޑިފޯލްޓުން” ވާންޖެހޭނީ އިސްލާމީ ކަންތައްތަކަށެވެ. އިސްލާމްދީން ވާންޖެހޭނީ އަހަރެމެންގެ ހުރިހާ ކަމަކާއި ލާމެހިފައެވެ. ސިޔާސީބޭނުމަށް ހަމައެކަނި ދީނާއި ދައުލަތް ވަކިނުކުރާނަމޭ ކިޔައިގެން އުޅުނަސް އަހަރެމެންގެ ތެރެއިން ފެންނަމުންދާ ހަގީގަތާއި ދޭތެރޭ ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ.