(1) ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސް ފާސްކޮށްފައެވެ. މަޖްލިސް އެކްސްޕްރެސް މެދުވެރިކޮށެވެ. އެއްބަޔަކަށް ހަމަ އޯކޭ އެވެ. އަނެއްބަޔަކަށް މިވަރުގެ ޚިޔާނާތެއް ބަޔަކު މިދައުލަތަކަށް ވީކަމަށް ނުވެއެވެ.
(2) މިބަދަލު މަޖްލިހުން ފާސްކުަރަން ބޭއްވި ޖަލްސާގައި އެކަމަށް ތާއިދު ކުރި މެމްބަރުންތައް އެންމެ މުހިންމު ކަމެއް ގޮތަށް ނެގީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމެވެ. ރައްޔިތުން އަސާސީ ޚިދުމަތް ނުލިބިގެން ވާހަކަ ދައްކާއިރު އެކަން ކުރެވެންއޮތީ ގައުމު ވިއްކައިގެން ކަމެވެ. ގިނަ މަޖްލިސް މެމްބަރުންނަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބިގެން މާގިނަ ވާހަކަތަކެއް ދައްކާ ބައެއް ނޫނެވެ. އެކަމަކު އެދުވަހު މުޅިން ތަފާތެވެ.
(3) ޖީއެމްއާރަށް ހުޅުލޭ އެއާޕޯޓު 25 އަހަރަށް ކުއްޔަށްދިނުމުން ގައުމު ވިއްކާލީކަމަށްބުނެ ބަޔަކުމީހުން ދިޔައީ މުޒާހަރާ ކުރަމުންނެވެ. ރައްޔިތުންގެ ހަރުމުދާ ވިއްކާލީތީއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވެއްޔާ މޮޑެލީތީއެވެ. 2008 ވަނަ އަހަރު އޭރުގެ ސަރުކާރުން ރިސޯޓު ކުއްޔަށްދޭ މުއްދަތު 50 އަހަރަށް ހެދުމަށް ހުށަހެޅުމުންވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރީ ވަރަށްވެސް ވަރުގަދަ އަށެވެ. އޭގެ އަހަރުތަކެއް ފަހެވެ. އެެހެން ވެރިކަމަކެވެ. މިހާރު 99 އަހަރުވެސް އޯކޭ އެވެ. އަދި ބޭރުގެ ފަރާތްތަކަށް ދިވެހި ބިން މިލްކު ކުރުމުގެ ދޮރު ހުޅުވާލުންވެސް ހަމަ އެންމެ ހެވެވެ.
(4) މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތައްވެސް ހަމަ އެހެންނެވެ. އެމްޑީޕީ ވެރިކަމުގައި ސަރުކާރުން ލޯނު ނަގަންވެސް މަޖްލިސްގެ ރުހުން ހޯދަން ޖެހޭގޮތަށް ގާނޫނު ބަދަލު ކުރިއެވެ. ވެރިކަން ބަދަލުވުމުން މިހާރުގެ ފިނޭންސް މިނިސްޓަރު ޖިހާދު ބުނަނީ މާލިއްޔަތު ގާނޫނު އޮތް ގޮތުން ސަރުކާރު ހިންގަން ދަތިކަމަށެވެ. އެކަމަކު އެބަދަލު ގެނައީ ހަމަ އެމީހުންނެވެ. އޭރުގެ ސަރުކާރަށް ޖެއްސުމަކަށެވެ. އަދިއެއިސްލާހު ވަނީ އަނބުރާ ބަދަލުކޮށްފައެވެ. އޭގެ އިތުރުންވެސް ސަރުކާރު ޒިންމާދާރުކުރުވަން ހިމަނާފައިވާ ބައެއް މާއްދާތައް ވަނީ އުވާލާފައެވެ. މިސާލަކަށް ދައުލަތުގެ ބަޖެޓުގައި ނުޖަހައި ހަރަދުނުކުރެވޭ ގޮތަށް ބަޔާންކުރާ މާލިއްޔަތު ގާނޫނުގެ 34 ވަނަ މާއްދާގެ ށ. އަދި ބަޖެޓް ރެކޮމެންޑޭޝަނަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނާ މި މާއްދާގެ ނ. އުވާލާފައި ވެއެވެ. މިހާރު މިކަންވެސް ވެގެންދިޔައީ ވަރަށް ރަނގަޅުކަމަކަށެވެ.
(5) އަހަރެމެންގެ މައްސަލައަކީ މިއީއެވެ. ގަބޫލުކޮށް ހިފަހައްޓާ އުސޫލުތަކެއް ނުގެންގުޅުމެވެ. އަހަރެމެން ސަޕޯޓުކުރާ ޕާޓީއަކުން ކުރާ ކޮންމެކަމެއް ދިފާއުކޮށް އެކަން ރަނގަޅުކަމަކަށް ހަދަން އުޅުމެވެ. ދެއިރު ތިންގޮތަށް ވާހަކަ ދައްކަން ޖެހުނަސް ހެވެވެ. އަހަރެމެން ގެ ދެފުއްކެހެރިކަން ފާޅުވެ ޖޯކަކަށްވިޔަސް އެންމެ ހެޔޮކަމަށެވެ.
(6) މާތް ﷲ އަހަރެމެން ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި. އަދި ގަބޫލުކުރާ އުސޫލުތަކެއް ގެންގުޅޭ އަދި އެއުސޫލުތަކުގައި ހިފަހައްޓާ ބައެއްކަމުގައި ލައްވާށި. އާމީން.