ހާއްސަ މަޖްލިހުގައި “އިއްޒަތްތެރި” ކިއުމާއި ބެހޭގޮތުން ކުރެވުނު ދިރާސާ

މިއީ 2007 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި އޭރުގެ ރައްޔިތުންގެ ހާއްސަ މަޖްލިހުން ގާނޫނު އަސާސީ ހަދަމުން ދިޔައިރު އަހަރެން ލިޔުނު ލިޔުމެކެވެ. ގާނޫނު އަސާސީ ހެދުން އޭރު ދިޔައީ ވަރަށް ލަސްކޮންނެވެ. ޖަލްސާއެއް އަޑުއެހުމުގެ ތެރޭ “އިއްޒަތްތެރި” މިބަސް މާ ގިނައިން އަޑުއިވެން ފެށުމުން ކޮށްލަން ހިތަތްއެރި ކަމަކެވެ.

‘އިއްޒަތްތެރި’ ކަނޑާލުމުން ގާނޫނުއަސާސީ ނިމުން އަވަސްވެދާނެ 

 މިހާރު އެންމެންވެސް ކުރާސުވާލަކީ 30 ނޮވެމްބަރަށް ގާނޫނު އަސާސީ ނިންމިދާނެ ބާއެވެ؟ އެތައްފަހަރަކު ކޯރަމްހަމަނުވެގެން ޖަލްސާ ކެންސަލްކުރުމާ، ނިޒާމީ މައްސަލަ ގިނަވުމާއި، އަދި ގަސްދުގައި ލަސްކުރަން ބައެއްމެމްބަރުން އުޅޭހެން ހީވާތީވެ ގާނޫނު އަސާސީ އެބުނާދުވަހަށް ނިންމުމަކީ ނާދިރު ކަމެކެވެ. އަޅުގަޑުވެސް ދިވެހިރައްޔިތަކަށް ވީތީވެ ހާއްސަ މަޖްލިހަށް މިކަން އަވަސްކުރުމަށް އެހީވެލާނަމެވެ.

 ހާއްސަމަޖްލިސްގެ ޖަލްސާ އަޑުއަހާ ފަރާތްތަކަށް އެންމެގިނައިން އިވޭ ބަހަކީ ‘އިއްޒަތްތެރި’ މިބަސްކަން ޔަގީނެވެ… އިއްޒަތްތެރިމެމްބަރު … އިއްޒަތްތެރިރައީސް …. އިއްޒަތްތެރިމަޖްލިސް …. މިދިޔަ 187 ވަނަ ޖަލްސާ އަޑުއަހަން އިދެފަ ‘އިއްޒަތްތެރި’ އާބެހޭގޮތުން ދިރާސާއެއް ކޮށްލަން ހިތަށް އެރިއެވެ. މިގޮތުން 15 މިނިޓްގެ ތެރޭގައި 60 ފަހަރު މިބަސްބޭނުން ކުރިކަން ނޯޓުކުރެވުނެވެ. އެއީ މިނިޓަކު ހަތަރު ‘އިއްޒަތްތެރި’ އެވެ.

 މަޖްލިހުގެ ކޮންމެ ޖަލްސާއެއްގައި 3 ގަޑިއިރު ވާހަކަދައްކާނަމަ އެއީ ޖަލްސާއަކަށް 720  ‘އިއްޒަތްތެރި’ އެވެ.  ‘އިއްޒަތްތެރި’ މިބަސްކިޔަން އެއްސިކުންތުދާނަމަ އެއީ ކޮންމެ ޖަަލްސާ އެއްގައި 12 މިނިޓުވަންދެން ނުހުއްޓާ  ‘އިއްޒަތްތެރި’ ކިޔުން ކަހަލަ ކަމެކެވެ.

 މިހާތަނަށް 180 އަށްވެރު ޖިނަ ޖަލްސާ ބޭއްވިފައިވާއިރު ޖުމްލަކޮށް 37 ގަޑިއިރުު ‘އިއްޒަތްތެރި’ މިބަސް ކިޔުމުގައި މެމްބަރުން ހޭދަކޮށްފައިވާނެއެވެ. މިއީ ހަމައެކަނި  ‘އިއްޒަތްތެރި’ ކިޔަން 10 ޖަލްސާ ބޭއްވުންކަހަލަ ކަމެކެވެ. މަޖްލިސް ކެންސަލްކުރި ދުވަސްތައް ހިމަނާއިރު މިއަށްވުރެ މަދުވާނެއެވެ. އެކަމަކުވެސް މިއީ ވަރަށްގިނަވަގުތުކަން ޔަގީނެވެ. އަދި ކޮމިޓީގެ ޖަލްސާތަށް ހިމިނެމުން މިއަށްވުރެ އިތުރުވާނެކަން ޔަގީނެވެ.

 މިވަގުތުތައް ބަހުސްކުރުމާއި އެހެނިހެން ރަގަޅު ކަންތަކުގައި ބޭނުންކުރެވުނުނަމަ މިހާރަށްވުރެ ބޮޑުތަން ގާނޫނު އަސާސީއިން ނިމިފައިވުމަކީ ޔަގީންކަމެކެވެ. އެހެންވީމާ އިއްޒަތްތެރި މެމްބަރުން ނަށް އަޅުގަޑުގެ އިލްތިމާސްއަކީ ގާނޫނުއަސާސީ އަވަސްކުރުުމުގެ ނިޔަތުގައި އެބޭފުޅުންގެ ލަގަބުން ‘އިއްޒަތްތެރި’ ކަޑާލުމެވެ. ‘އިއްޒަތްތެރި’ ހިތަށް އަރުވާލާނީއެވެ.

Leave a Reply

Your email address will not be published.