ކެޑެމޫލެފަރޮ ހިމާޔަތް ކުރަންޖެހޭ

ކެޑެމޫލެފަރޮ (ފޮޓޯ: ގޫގަލް އާތު)

ކެޑެމޫލެފަރޮ (ފޮޓޯ: ގޫގަލް އާތު)

(1) އަހަރެމެން ކުޑައިރު އިވޭ އެޑަކީ “ފަރިކެޑަހަ” މަހަށްދާ ވާހަކައެވެ. އެނގޭ ކަމަކީ އެއީ ވަރަށް ދުރުގައި ވާ ތަނެއް ކަމެވެ. އެހިސާބަށް ގޮސްފިނަމަ މަހެއް ނުބާނަ ވަރަށް ނާންނަ ކަމެވެ. އެހިސާބަށް ދާނީ (ނެރެގަނޑުން ނިކުމެގެން) އިބުރާ ކެއުޅާމެން އަހަންމަދުކަލޯމެން ކަހަލަ ވަރުގަދަ ކެޔޮޅުން ކަމަވެ. އެކަމަކު އެއީ ކިހިނެތްއޮންނަ ކޮން ކަހަލަ ތަނެއްކަމެއްވެސް އޭރަކު ނޭނގެއެވެ.

(2) .އެންމެފުރަތަމަ ކެޑެމޫލެ ފަރު ބަލާލަން ފުރުސަތު ލިބުނީ ގްރޭޑް ހައެއް ގައި އުޅުނުއިރުއެވެ. ރީތިފޮތިގަނޑެއް ހަދިޔާއަކަށް ލިބިގެން ފެޝަން ގަމީހެއް ފައްސަން ދިޔައީ ރާޑޯ ޓެއިލާސް އަށެވެ. މިންނަގާ ނިމުމުން ދޫނޑިގަމު ދެތިން ރައްޓެއްސަކާއިއެކު ބައިސްކަލްގައި “ކެޑެމޫލެ ފަރޮ” ފެނޭތޯ ގަސްތަކުގެ ތެރެއިން ދުއްވާފަގޮސް ނިކުމެވުނީ ހީވާގޮތުން މިހާރު ރޯޔަލް ރެސްޓޯރެންޓު ހުރި ހިސާބަށެވެ. ފަރަށް އިޝާރާތްކޮތް އަހަރެމެންގެ އެއް ގައިޑު ބުނީ “މިތަނި އޮޕޮސިޓަހަސް ރަޅޮ އެންނެން”.  ތެދެކެވެ. ބޮޑެތިރާޅުތައް ދާކަށް ވަކިދިމާލެއްނެތި ނަގަމުން ދިޔައެވެ. ކަނާތުން ވާތަށެވެ. ވާތުން ކަނާތަށެވެ. ބޭރުން އެއްގަމަށެވެ. ކައިރިން ދުރަށެވެ. އަހަންނަށް ކުރިން ފެނިފައިހުރީ ބޭރުން އެއްގަމަށް ރާޅު އަންނަތަނެވެ. އެހެންކަމުން ކުރިމަތީގައި އޮތީ ބޮޑުވެގެންވާ އަޖާއިބެއް ކަހަލަ ތަނެކެވެ. 

(3)  މިފަރާއިބެހޭގޮތުން ދިރާސާތަކެއް ކުރެވިފައިނެތަސް މިފަރުގެ މުހިއްމުކަން ކޮންމެ ދުވަހުކަވެސް ދަނީ ފެންނަމުންނެވެ. އެއްވެސް ހަމައެއްނެތްތަނެއްގެ ގޮތޮގައި ފެންނަމުން މިދިޔަ “ކެޑެމޫލެ ފަރަކީ” ފުވައްމުލަކަށް ކިހާ މުހިންމު ތަނެއްބާއެވެ.

(4)  ފުވައްމުލަކަކީ ރަށާއި ވަރަށް ކައިރިން ކަނޑުމަސްވެރިކަން ކުރާ ރަށެކެވެ. ރަށުގެ އެއްމޭލް ދެމޭލް ބޭރުންވެސް ކަނޑުމަހާއި ކަންނެލި ބާނާ ރަށެކެވެ. މިއީ މަސްވެރިންނަށާއި ރަށުގެ ހުރިހާ އެންމެނަށްވެސް ލިބިފައިވާ ފަސޭހަކަމެކެވެ. ނަސީބެކެވެ. ނިއުމަތެކެވެ. ފުވައްމުލަކަކީ މާސިންގާ ކަނޑު މެދުގައި އޮތް ރަށަކަށް ވުމުގެ އިތުރުން ރަށާއި ގުޅިގެން ފުން ފަރެއް ނޫނީ ތިލައެއް އޮތުމަކީ މީގެ ވަރަށް ބޮޑު ސަބަބެކެވެ. އެފަރަކީ ގުދުރަތީ އޮއިވާލި ކަނދުފައްޗެކެވެ. ފަރުދެ ދިރުމަކީ އެހިސާބުގެ މަސްވެރިކަން ރަނގަޅުވުމުގެ އެންމެބޮޑު އަސްލެވެ.

"ފަރިކަޑެ" އަކީ އާންމުކޮށް މަސްވެރިކަން ރަނގަޅުހިސާބެއް (ފޮޓޯ: ބާރަބާރަ)

“ފަރިކަޑެ” އަކީ އާންމުކޮށް މަސްވެރިކަން ރަނގަޅުހިސާބެއް (ފޮޓޯ: ބާރަބާރަ)

(5) ފުވައްމުލަކުގެ ކަނޑުއަޑީގެ ރީތިކަމަކީ ފީނާމީހުން ބަލާހިތްވާ ރާއްޖޭގެ އެހެންތަންތަނާއި ތަފާތު ރީތިކަމެއް ވާ ތަނެކެވެ. ހާއްސަކޮށް ކެޑެމޫލެފަރު ފާހަނގަކޮށްލެވެއެވެ. ފަރުގެ މުރަކައިގެ އިތުރުން މުޅިދުނިޔޭގައިވެސް މަދުން ފެންނަ ވައްތަރުގެ މިޔަރެއް ކަމުގައިވާ “ނަގުލް މޭރެ” (ތްރެޝާ ޝާކް / ކަނޑި މިޔަރު) ފެންނަ ހިސާބެކެވެ. މާކަނޑުގައި އުޅޭ މި މިޔަރު އާންމުކޮށް ފެންނަނީ މާކަނޑުގައި ހުންނަ ތިލަތައް ކައިރިންނެވެ. އެގޮތުން ފުވައްމުލަކު މި ފަރަކީ ކަނޑު މެދުގައިވާ ތިލައެކެވެ. މީގެ އިތުރުން “ސަންފިޝް”، “ބީޑިބޮލް މޭރެ” (ހެމާހެޑް ޝާކް) އަދި މަޑި (މަންތާ ރޭ) އަކީވެސް ކެޑެމޫލެ ފަރުން ފެންނަ، ފީނާމީހުން ބަލާހިތްވާ ޒާތުގެ އެއްޗެއްސެވެ.

ނަގުލް މޭރެ (ފޮޓޯ: ފަރިކެޑެ ޑައިވާސް)

ނަގުލް މޭރެ (ފޮޓޯ: ފަރިކެޑެ ޑައިވާސް)

(6) މިގޮތަށް މިކަންއޮތަސް މިފަރަކީ އެއާއި ދޭތެރޭ އަހަރެމެން މާބޮޑަށް ވިސްނާ ތަނެއް ނޫނެވެ. އެފަރުގެ މުހިންމުކަން އަހަރެމެންނަށް އެހާބޮޑަކަށް ވިސްނިފައެއް ނެތެވެ. ފަރަކީ ހިމާޔަތް ކުރަންޖެހޭ ތަނެއްގެ ގޮތުގައި އަހަރެމެންނަކަށް ސިފަކުރެވިފައެއް އަދި ނެތެވެ. 

(7) ފަރަށް ލިބެމުންދާ ގެއްލުންތަކާއި ދޭތެރޭ ވިސްނަން ޖެހެއެވެ. ދާދިފަހުން އެފަރަށް އެރި އާގުބޯޓުގެ ސަބަބުންވެސް ފަރަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ ފަރަށް ނަގިލި ލުމަކީވެސް ފަރުގެ ދިރުމަށް ގެއްލުންލިބޭނެ ކަމެކެވެ. މީގެ އިތުރުން ގޭގެއިން ގޮނޑުދޮށަށް އުކާލަމުންދާ ކުނި އަދި ހާއްސަކޮށް ޕްލާސްޓިކު ކޮތަޅުތަކަކީ އޭގެ ސަބަބުން ފަރަށް ގެއްލުންވާނެ އެއްޗެއްސެވެ.

ފުވައްމުލަކު ފަރަށް އަރާފައިވާ އާގުބޯޓެއް (ފޮޓޯ: ހަސަން އަތީގު)

ފުވައްމުލަކު ފަރަށް އަރާފައިވާ އާގުބޯޓެއް (ފޮޓޯ: ހަސަން އަތީގު)

(8) ފަރުތަކަށް ގެއްލުންލިބޭ އެންމެ ބޮޑު އެއްކަމަކީ ނަރުދަމާ ނިޒާމުން ބޭރުވާ ފެނާއި ނަޖިހުގެ ސަބަބުން ފަރުގެ ދިރުން ނެތިގެން ދިއުމެވެ. އޭގައި ހިމެނޭ ފެން، ޖަރާސީމާއި ފަނިފަކުސަ، ކެމިކަލް އަދި ކަނޑުގެ ދިރުމާއި ނުގުޅޭ މާއްދާތަކުން ފަރަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންވުން ވަރަށް ގާތެވެ. އަދިހަމައެހެންމެ އޭގައި ހިމެނޭ “ކުނޑި” (ސެޑިމެންޓު) ފަރުމައްޗަށް އެޅުމަކީވެސް ފަރުގެ ދިރުމަށް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން ރަށުގެ ނަރުދަމާ އަޅާއިރު މިކަމަށް ވަރަށް ފުންކޮށް ވިސްނާ ވީހާވެސް ރައްކާތެރިގޮތަކަށް އެނިޒާމު ފަރުމާކުރަން ޖެހެއެވެ.

(9) ތަރައްގީއަކީ ގުދުރަތީ ރީތިކަމާއި ވަސީލަތްތައް ނެތިކޮށްލުމެއް ނޫނެވެ. ގަސްތައް ކަނޑާ ތިރިކުރުމެއް ނޫނެވެ. ފަޅުތަކާއި ފަރުތައް ހަލާކުކޮށް ހިއްކުމެއް ނޫނެވެ. އަނެއް މާލެއަށް ހެދުމެއްވެސް ނޫނެވެ. 

(10) އަހަރެމްނަނަށް ލިބިފައިވާ ކެޑެމޫލެ ފަރަކީ ވަރަށްބޮޑު ގުދުރަތީ މުއްސަނދި ކަމެކެވެ. މަސްވެރިކަމަށެވެ. ރަށުގެ ރީތި ކަމަށެވެ. ފަތުރުވެރި ކަމަށެވެ. ފުވައްމުލަކަކީ ކައިރީގައި އެހެން ފަޅެއް ނުވަތަ ފަރެއްވެސް ވާރަށެއް ނޫނެވެ. އަހަރެމެންނަށް ލިބިފައިވާ ހަމައެކަނި ފަރުގެ ބޭނުންތެރިކަމާއި މުހިއްމުކަމާއި ދޭތެރޭ އަހަރެމެން ހޭލުންތެރިވާން އެބަޖެހެއެވެ. ހޭލުންތެރިކުރުވަން އެބަޖެހެއެވެ. އެފަރު ހިމާޔަތްކުރުރަން ކަންތަތްތަކެއް ކުރަން އެބަ ޖެހެއެވެ. 

Leave a Reply

Your email address will not be published.