ފުވައްމުލަކުގެ އެއާޕޯޓް ހެދެންދެން ގިނަމީހުން މާލެއާއި ރަށާއި ދޭތެރޭ ދަތުތުކުރަމުން ދާނީ މިހާރުވެސް އެކަން ކުރަމުން ދާގޮތަށް ގަމުގެ މަގުންކަން ޔަގީނެވެ. ފުވައްމުލަކު ރައްޔިތުން އުންމީދު ކުރަމުންދާ އެއާޕޯޓް ހެދެން ދެން މިމަގުން ދަތުރުކުރާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަންތައްތަކެއް މިހާރުވެސް ކުރެވެން އެބަހުއްޓެވެ.
މިގޮތުން ކުރެވޭނެ އެއްކަމަކީ ދަތުރުވެރިންގެ ފޮށިތައް ހުޅުލެއިން ޗެކްއިން ކުރާއިރު ސީދާ ފުވައްމުލަކަށް ޗެކްއިން ކުރުމެވެ. މިހާރު މިއޮންނަގޮތުން ހުޅުލެއިން ގަމަށްގޮސް ގަމުން ފޮށިތަންމަތި ހޯދާ އަމިއްލައަށް އެއެއްޗެހި ލޯންޗާއި ހަމަޔަށް ގެންދަން ޖެހެއެވެ. މީގެ ބަދަލުގައި އެއާލައިންތަކުން ނުވަތަ އެމީހުންގެ އެޖެންޓުން ފޮށިތަންމަތި އަދި މީހުން ލޯންޗާއި ހަމަޔަށް ގެންގޮސްދިނުމަކީ ދަތުރުކުރާ މީހުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްކަން ޔަގީނެވެ. ހަމަ މިގޮތަށް ރަށުން މާލެ ދާއިރުވެސް ގަމުގެ ޓާމިނަލްއާއި ހަމަޔަށް ދަތުރުވެރިންނާއި އެމީހުންގެ ފޮށިތަންމަތި ގެންދިއުން އެއާލައިންގެ ފަރާތުން ހަމަޖައްސަން ޖެހޭނެއެވެ.
ފުވައްމުލަކާއި ގަމާދޭތެރޭ ކުރާ ދަތުރުތަކުގައި ލޯންޗްގެ އައްޑޫ ބަނދަރަކަށް ފޭދޫ ހެދުމުންވެސް ގިނަ އުނދަގޫތަކެއް ދަތުރު ކުރާ މީހުންނަށް ޖެހެއެވެ. ރަށާއި އައްޑުއާއި ދޭތެރޭ ގިނައިން ދަތުރު ކުރަނީ ގަމުގެ މަގުން އަންނަ އަދި ފުރާ މީހުން ކަމަށް ވާއިރު ލޯންޗްގެ ބަނދަރަކަށް ގަން ހެދުމަކީ އެންމެ ގިނަ މީހުންނަށް ފަސޭހަވާނެ ގޮތްކަން ޔަގީނެވެ. އަދި ގަމުގެ ޓާމިނަލް ކުރިމަތިން ލަފާ ފުރޭ ގޮތަށް އޮންނަން ވާނެއެވެ. އެސަރަހައްދުގައި އެގޮތަށް ކައިރިކުރެވޭނެ ކަހަލަ ބަނދަރައް ނެތްނަމަ ލޯންޗް ފަހަރަށް ކައިރިކުރެވޭ ގޮތަށް ހަދާލުމަކީ މާކަ ބޮޑު ކަމަކަށް ނުވާނެއެވެ.
ފުވައްމުލަކަށް ގަމުގެ މަގުން ދަތުރުކުރާ މީހުންނަށް މިކަންތައްތަކުން ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެއެވެ. އެއާޕޯޓް ހެދެންދެންވެސް މިގޮތަށް ރަގަޅު ކުރެވެން ހުރި ކަންތައްތައް ބަލާ އަދި ރަނގަޅު ކުރުމަކީ ލަސްކޮށްގެން ވާނޭ ކަންތައްތަކެއް ނޫނެވެ.