އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހު ކުރާއިރު ކުރެވިދާނެ ބައެއް މުހިންމު ކަންތައްތައް

ސަރުކާރުން މިހާރު މަޖްލިހަށް ހުށަހަޅާފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަކީ އެގާނޫނު މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އެހިވެދޭނެ ގާނުނެކެވެ. މިގޮތުން ގައުމުގެ މުއްސަދިކަން ބެހިފައިވާގޮތަށް މިހާރަށްވުރެބޮޑަށް ހަމަހަމަކަން ގެނައުމާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދާދިނުމާއި، ދިރިއުޅެން ފަސޭހަ ވެއްޓެއް ގާއިމުކުރުން ހިމެނެއެވެ. ސަރުކާރުން މިބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އަގުތަށް ތިރިކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިހާރުން މިހާރަށްވެސް ހޯދޭނެ ހައްލު ހޯދުމެވެ. މިމަގްސަދު މިހެން އޮތަސް މުޖްތަމައުގައި ހަމަހަމަކަން އުފެދުމާއި ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުމަކީ އަދި ގައުމަށް ދިމާވެފައިވާ ބައެއްމައްސަލަތް ހައްލުކުރުމަށް އެހީތެރިވިމަކީ މިބިލް އިސްލާހު ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެންން ޖެހޭނެ ކަންތަކެވެ.

އިމްޕޯޓް ޑިއުޓީ ކަހަލަ ޓެކްސް އަކީ މަދުން އާމްދަނީލިބޭމީހުންގެ އަތުން ނިސްބަތުން ބޮޑު އަދަދެއް ނެގޭ ޓެކްސް އެކެވެ. މިސާލަކަށް ކައްކާ ތެޔޮ ހަމަކުން ޑިއުޓީގެ ގޮތުގައި ފަސްރުފިޔާ ދެއްކޭނަމަ އެ ފަސްރުފިޔާއަކީ ސާޅީސްހާސް ރުފިޔާގެ އާމްދަނީ ލިބޭމީހާގެ މުސާރައިގެ  0.013% އެވެ. އެކަމަކު އެއީ ފަސްހާސް ރުފިޔާގެ އާމްދަނީ ލިބޭމީހާގެ މުސާރައިގެ 0.10% އެވެ. ޕަސެންޓަށް ބަލާނަމަ މަދުން އާމްދަނީ ލިބޭމީހާ ދައްކަންޖެހޭ ޓެކްސް 700% އިތުރެވެ. މިއީ “އިންސާފުވެރި” ޓެކްސްއެއް ނޫންކަމަށް ބެލެވިދާނެއެވެ. މިކަހަލަ ކަންތައްތަކުގެ މައިތިރި އެއްގެ ގޮތުން މިގާނޫނު މެދުވެރިކޮށް މުއްސަދިންއަތުން ބޮޑުޓެކްސްއެއް ނެގޭގޮތަށް އޮތުމަކީވަރަށް މުހިންމުމަކެއް ކަމުގައި ގަބޫލް ކުރެވެއެވެ.

މިބިލް މެދުވެރިކޮށް މުއްސަދިންއަތުން ބޮޑު ޓެކްސްއެއް ނެގުމަކީ ވަރަށް ފަސޭހަ ކެމެކެވެ. މުއްސަދިން ގަންނާނެ ނުވަތަ ބޭނުންކުރާ ކަހަލަ މުދަލުގެ ޑިއުޓީ ބޮޑުކުރުމަކީ މިގޮތުން ކުރެވިދާނެ ކަމެކެވެ. އަގުބޮޑެތި ސްޕޯޓްސްކާރުން ނަގާ ޑިއުޓީ މިހާރުމިނަގާ ވަރަށްވުރެ ފަސްގުނަ ހަގުނަ އިތުރުނުކުރަންވީ ސަބަބެއް ނެތެވެ. މުތާއި ޖަވާހިރު އަދި އަގުބޮޑު ގަހަނާތަކުން 25%ޑިއުޓީ ނަގަމުންދާ ދިއުންވެސް މިވިސްނުމުގެ ދަށުން ބަދަލު ކުރެވިދާނެއެވެ.

ރާއްޖޭގައިމިވާ މަތީފަންތީގެ ފަތުވެރިކަމުގެ ވިޔަފާރީގެ ބޭނުމަށް ހާއްސަކޮށްގެން ގެންނަ މުދަލަކީވެސް ބޮޑު ޑިއުޓީއެއް ނަގަންޖެހޭ މުދާ ތަކަކެވެ. ސޭލްސް ނުވަތަ ވިޔަފާރި ފައިދާއިން ޓެކްސްނުނެގޭ އިރު މިއީ މިހާރުވެސް ފަސޭހަ ކަމާއިއެކު ކުރެވިދާނެ ކަމެކެވެ.  އަދި ފައިދާއިން ނުވަތަ ސޭލްސްއިން ޓެކްސްނެގެން ފެށުމުން މި ޑިއުޓީ އަނެއްކާ ކުޑަ ކުރެވިދާނެއެވެ. މިގޮތުން ބަނގުރާ އަދި  އޫރުމަހުން މިހާރުނަގާ 35% މިއަށްވުރެ ދެތިން ގުނަ އިތުރުކުރުމަކީ ރަގަޅު ކަމަކެވެ. އަދި ސިގިރެޓުން ނަގާ ޑިއުޓީ މިހާރުނަގާ ތިރީސް ލާއިއަށްވުރެ ބޮޑު ކުރުމަކީ އިޖްތިމާއީގޮތުންނާއި ސިއްހީގޮތުން އަދި އިގްތިސާދިގޮތުންވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ތަރުކާރީއާއި މޭވާ އަދި ޑީސަލް އިން ޑިއުޓީކުޑަކުރުމުން ރިސޯޓްތަކަށް ވަރަށް ބޮޑުތަން ހަރަދު ކުޑަ ކުރެވޭނެއިރު ރިސޯޓްތަކަށް ހާއްސަކޮށްގެންނަ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ރިސޯޓްތަކަށް ގެއްލުން ވާނޭކަމެއް ކަމުގައި ބުނެވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އާމްދަނީ ގިނައިން ލިބޭ ފަރާތްތަކުން ބޮޑު ޓެކްސްއެއް ނެގޭނެ އަނެއް ގޮތަކީ ބައެއްބާވަތްތަކުގެ މުދަލުގެ ތެރެއިން އަގު ވަކިރަކަށްވުރެ ބޮޑުވާ އެއްޗެހިން ނަގާ ޑިއުޓީ ޕަސެންޓް ބޮޑުކުރުމެވެ. މިސާލަކަށް “ލަކްޒަރީ” މާކެޓަށް ތައްޔާރުކޮށްފަ ހުންނަ ބަދިގޭގައި ގެންގުޅޭ ސާމާނުން އާދައިގެ ސާމާނުން ނަގާ ޑިއުޓީއަށްވުރެ ބޮޑު ޕަސެންޓެއް ނެގިދާނެއެވެ.

ދަށްއާމްދަނީ ލިބޭފަންތީގެ މީހުންނަށް އަދި ކުދިވިޔަފާރިތަކަށް ބޭނުންވާ ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަކީވެސް މުހިންމު ކަމެކެވެ.  މިގޮތުން ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަންކުރާ ފަރާތްތަކާއި އަދި މަސްވެރިންނަށް ބޭނުންވާ ސާމާނުން ޑިއުޓީ ކުޑަކުރުން ނުވަތަ ކަނޑާލުން މިއީ ކުރެވިދާނެ ކަމެކެވެ. ތަރުކާރިއާއި މޭވާގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުން ދިވެހި ދަނޑުވެރިންގެ އުފެއްދުންތަށް ވިއްކުމަށް ދަތިތަކެއް ދިމާވެގެން ދާނެއިރު އެމީހުންނަށްވެސް އެމީހުންގެ އުފެއްދުންތަކުގެ އަގު ކުޑަކުރެވޭނެގޮތް ނުވަތަ ހަރަދު ކުޑަކުރެވޭނެގޮތް މިބިލް މެދުވެރިކޮށް ހަމަޖެއްސުމަކީ މުހިންމުކަމެކެވެ.

ކުރީގައި ބުނެވުނުހެން މަދުން އާމްދަނީ ލިބޭމީހުން މުއްސަދިންނަށްވުރެ އެތައް ގުނައެއް ބޮޑު ޓެކްސްއެއް މިހާރުވެސް ދައްކަމުން ދާއިރު މުއްސަދިން އަތުން ބޮޑު ޓެކްސްއެއް ނެގުމަކީ އިންސާފުވެރި ގޮތެއްކަމުގައި ފެނެއެވެ. އަދި ލިޔެވުނު އެހްންކަންތައްތަކަކީވެސް އާންމު ރައްޔިތަކަށް އެކަމުގެ ސަބަބުން ފައިދާކުރާނެ ކަންތައްތަކެކެވެ.  މިކަންތަކަކީ މިހާރު ހުށަހެޅިފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނު މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމަކަށް ވާއިރު ރައްޔިތުންގެ މެމްބަރުން މިކަމަށް ބާރުއަޅާ މަޖްލިހުގައި ބަހުސް ކުރާނެކަމަށް އުއްމީދު ކުރަމެވެ.

Leave a Reply

Your email address will not be published.