ވަޒީފާއާއި ބެހޭ ގާނޫނުގެ އެންމެމަދުން މުސާރަލިބޭ މިންވަރު ކަނޑައަޅެމަށް މަގުފަހިކޮށްދީފައިވާ މާއްދާ އުވާލުމަށް މިހާރުވަނީ މަޖްލިހަށް ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވަނީ އެގާނޫނުގެ 60، 61 އަދި 62 ވަނަ މާއްދާ އުވާލުމަށެވެ. މިއިސްލާހް ހުށަހަޅާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބަރާހީމް މުއްތަލިބް އެވެ.
މިމާއްދާތަކަކީ ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެމަދުން ލިބެންޖެހޭ މުސާރަކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދޭ މާއްދާއާއި، މިނިސްޓަރު ކަނޑަޅާ އެންމެކުޑަކޮށް ލިބެންޖެހޭ މުސާރަ މުވައްޒަފުންނަށް އެނގޭނެހެން ނޯޓިސްނެރުމަށް އަނގާ މާއްދާއާއި އަދި ކަނޑައެޅޭ އެންމެކުޑަ މުސާރަ ދިނުމުގައި އިހްމާލުވާ ވަޒީފާދޭ ފަރާތްތަކާދޭތެރޭ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ މާއްދާއެވެ. މުވައްޒަފުންގެ ހައްގުތަކަށް އިހްތިރާމްކުރުން ކުޑަ މިރާއްޖޭގައި އެންމެކުޑަ މުސާރަ ކަނޑައެޅުމާއިބެހޭ މާއްދާތަށް ވަޒީފާއާއިބެހޭ ގާނޫނުން އުނިކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގެ 60 ވަނަ މާއްދާގައިވަނީ ބައެއްކަހަލަ ވަޒީފާތަކަށް އެންމެމަދުން ލިބެންޖެހޭ މުސާރައެއް ކަނޑައެޅުމާއި، ބަދަލުގެނައުމާއި އަދި އުވާލުމުގެ އިހްތިޔާރު އެކަމަށް ކަނޑައަޅާ ބޯޑުގެ ލަފާގެ ދަށުން ވަޒީފާއާއި ބެހޭ މިނިސްޓަރަށް ދީފައެވެ. މިކަހަލަ ގާނޫނެއްގެ އެންމެބޮޑު ބޭނުކަމީ އެކަށީގެންވާ ވަރަށްވުރެ ދަށްމުސާރައެއްދީގެން މީހުންލައްވާ މަސައްކަތް ކުރުން ހުއްޓުވުމެވެ. މިކަމަކީ ރާއްޖޭގައި އެންމެ ފައިދާބޮޑުކޮށް ހިންގާ ވިޔަފާރިކަމަށްވާ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ވަރަށްބޮޑަށް ބޭނުންކޮށްފައިވާ ކަމެކެވެ. މިހެން މިކަން އޮތްއިރު، މިހުށަހެޅުނު އިސްލާހަކީ މިކަހަލަ ގޮތަކަށް މުވައްޒަފުންނާ ދޭތެރޭ ކަންތައްކުރާ ފަރާތްތަކުގެ ތާއީދާއި އެއްކޮށް ހުށަހެޅުނު އިސްލާހެއްކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެންމެ މަދުން މުސާރަ ލިބެންޖެހޭ މިންވަރު ކަނޑައެޅުމަކީ މަސައްކަތް ކުރާ ފަރާތްތަކުގެ، ހާއްސަކޮށް ދަށްފަންތީގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންގެ، ހައްގުތަކެއް ހިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން މުޖްތަމައުގައި އާމްދަނީ ބެހުމުގައި ހަމަހަމަކަން ގާއިމު ކުރުމަށް އެހީ ލިބެއެވެ. މިކަހަލަ ގާނޫނެއް ނެތް ގައުމެއް މަދެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެމަދުން ލިބެން ޖެހޭ މުސާރަ ކަނޑައަޅާ ގާނޫނެއް ކޮންމެވެސް ސިފައެއްގައި ހެދިފައި ވެއެވެ.
މިކަހަލަ ގާނޫނެއްގެ ސަބަބުން އެންމެ ބޮޑަށް ކަންބޮޑުވާނެ އެއް ފަރާތަކީ ވަޒީފާދޭ ފަރާތްތަކެވެ. އެކަމަކު ވަޒީފާ ދޭފަރާތްތަކަށްވެސް މިކަމުގެ ސަބަބަނުން ފައިދާ ތަކެއް ވާނެކަން ޔަގީނެވެ. ރަގަޅު މުސާރައެއް ދިނިމުން މަސައްކަތް ކުރާ މީހުންގެ ހިތްހަމަޖެހި އެމީހުންގެ އުފެއްދުންތެރިކަން އިތުރުވުމަކީ ދިރާސާތަކުން ދައްކާފައިވާ ކަންތަކެވެ. މިގާނޫނުގެ ދަށުން މުސާރައެއް ކަނޑައަޅާއިރު އެއިރެއްގައި އޮންނަ އިގްތިސާދީ ހާލަތަށް ބަލާ އަދި މުސާރަ ކަނޑައެޅޭ ދާއިރާއާއިގުޅޭ ގޮތަށް މުސާރަ ކަނޑައެޅޭނަމަ ޖުމްލަގޮތެއްގައި ގައުމަށްވާނީ ފައިދާއެވެ. އަހަރެމެންގެ މެންބަރުން މިއިސްލާހާ ދޭތެރޭ ދެކޭގޮތް ހޯދާ، އާންމު ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް މިކަމުގައި ބަހުސްކޮށް ވޯޓުދިނުމަށް އިލްތިމާސް ކުރުމަކީ ރަގަޅު ގޮތަކަށް ވާނެއެވެ.