ސިވިލް ސާވިސްގެ ސައިޒް ކުޑަކުރުން

މިހާރު އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ސިވިލްސާވިސްގެ ސައިޒް ކުޑަކުރުން ނުވަތަ އެސާވިސްގައި ހިމެނޭ މުވައްޒަފުން މަދުކުރުމުގެ ވާހަކައެވެ. އަދި އެމީހުންގެ އެލަވަންސްއާއި މުސާރަ ކުޑަކުރާވާހަކައެވެ. ސަރުކާރުން މިގޮތަށް މިކަން ކުރަނީ ރާއްޖޭގައި މިވަނީ އެކަށީގެންވާވަރަށްވުރެ ބޮޑު ސިވިލްސާވިސްއެއްކަމަށް ބުނަމުންނެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. މިކަންތައްގަޑު މިހާރުވަނީ ބޮޑު ސިޔާސީ ގޭމަކަށް ހަދާފައެވެ. މިކަމުގައި މުޅިގައުމަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ބުނަމުން އަންނަނީ ރާއްޖޭގެ ސިވިލްސާވިސް ރާއްޖެއަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށެވެ. އެހެންވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑުބައެއް މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަން ޖެހެއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ލިބެންހުންނަ ބަޖެޓް އެހެންކަމުން ކުޑަވެއެވެ. މިހެން މިކަން އޮތްނަމަ ސިވިލްސާވިސްގެ މުވައްޒަފުން މަދުކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. ދެންސުވާލަކީ އެހެންހަދައިފިނަމަ ކިތައްމެ އާއިލާއެއް ނިކަމެތިވެ މަގުމަތިވެގެން ދާނެ ވާހަކައެވެ.

މުޒައްޒަފުންމަދުކުރާއިރު ވިސްނާލަންޖެހޭ ކަމެއްއެބައޮތެވެ. އެމުވައްޒަފުންނަކީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތެއް ދެމުން އަންނަބައެއްނަމަ އެމީހުންނަށް އެވަޒީފާގައި ކޮންމެވެސްގޮތަކަށް ތިބެވެންޖެހޭނެއެވެ. އެއީ ސިވިލްސާވިސްގެ ތެރެއިންތޯ ނުވަތަނޫންތޯ އެއީ އެހެން ސުވާލެކެވެ. މިސާލަކަށް ވަރަށްފަހުން ރީޖަނަލް ފަޔާސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރިވާހަކަ އިވިގެންދިޔައެވެ. އެމީހުންގެ މަސައްކަތަކީ ކޮންމެ ރަށެއްގައިވެސް މުހިންމު ކަމަކަށްވާއިރު، ހޯމްމިނިސްޓްރީގެ މެންޑޭޓް ތެރޭ އެކަން ނުހިމެނޭކަމަށްބުނެ ވަކިކުރުމަކީ ވިސްނުމެއްނެތި ކޮށްފައިވާ ކަމެއްހެން ހީވެއެވެ. ފަހުން އެމީހުންވަނީ އެމްއެނޑީއެފްއަށް ކޮންޓްރެކްޓް އުސޫލުން ނަގާފައެވެ. ކުރިން މަޝްވަރާކުރެވުނުނަމަ މިކަހަލަ ހައްލެއް ފުރަތަމަވެސް ލިބުނީހެވެ. އެހެންކަމުން ސިވިލްސާވިސް އިން ކަނޑާލާމީހުންނަކީ ބޭނުންތެރި ހިދުމަތެއް ފޯރުކޮށްދެމުންގެންދާ ބަޔަކަށްވާނަމަ ކޮންމެވެސްގޮތަކުން އެމީހުންނަށް އެމަސައްކަތުގައި ތިބެވެންޖެހޭނެއެވެ.

ދެންއޮތީ ހަމަހަގީގަތުގައިވެސް “ބޭކާރުގޮތުގައި” ތިބޭމުވައްޒަފުންނެވެ. މިމީހުންނަކީ ކުރާނެ މަސައްކަތެއްނެތި ސިޔާސީބޭނުންތަކަށް ނެގިފައިވާ މުވައްޒަފުނަށްވެސްވެދާނެއެވެ. އަދި މަސައްކަތްކުރުމުގައި ރަގަޅު ނިޒާމްތަކާއި އުސޫލްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމުން ބާކީވާ މުވައްޒަފުންނަށްވެސް ވެދާނެއެވެ. އިދިކޮޅުފަރާތްތަކުން ކިތަންމެވަރަކަށް ދެކޮޅު ހެދިއަސް މިކަހަލަ މުވައްޒަފުންތައް ސިވިލްސަވިސްގައި ބޭތިއްބުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެކެވެ. އަދި ގައުމު އިގްތިސާދީގޮތުން ފަހަތަށް ދިއުމެވެ. އިގްތިސާދީގޮތުން ވިސްނާއިރު މިއީ ގައުމީ ލެވެލްއެއްގައި އިންސާނީ ވަސީލަތް  އޭގެ އެންމެ ބޭނުނެތެރިގޮތުގައި ބޭނުން ނުކުރެވުންކަމަށް ބެލިދާނެއެވެ. ސިވިލްސާވިސްގައި މުވައްޒަފުން ގިނަވެގެންއުޅޭއިރު، އަހަރެމެން މިއުޅެނީ އެހެންދާއިރާތަކަށް މީހުންނުލިބިގެން އެތައްބައެއް ބޭރުންގެނެސްގެންނެވެ. ޑޮކްޓަރުންނާއި ނަރުހުނަނާއި ޓީޗަރުންނާއި އެކައުންޓިންދާއިރާއަކީ މިގޮތަށް ބޭރުންމީހުންގެނެވޭ ދާއިރާތަކުގެތެރޭ ފާހަގަކޮށްލެވޭ ދާއިރާތަކެކެވެ. އެހެންކަމުން ސިވިލްސާވިސްއިން ބާކީވާ މުވައްޒަފުންނަށް އެހެންދާއިރާތަކުން ވަޒީފާލިބޭނެ ފުރުސަތު އެބައޮތެވެ. އެކަމަކު މިކަން ކުރިއަށް ގެންދަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ. އެއްވެސްހާލެއްގައި އެމީހުން މަގުމަތިކުރެވިގެން ނުވާނެއެވެ. އެމީހުން ނަށް އެހެންވަޒީފާތަކުގެ ފުރުސަތު ހޯދައިދީ، އާވަޒީފާތަކަށް ތަމްރީނު ކުރެވި ނުވަތަ އެއްފަހަރާލިބޭ ފައިސާގެ އިނާޔަތްތަށް ލިބެންޖެހޭނެއެވެ. ފައިސާގެ އިނާޔަތްދިނުމަށް މިހާރު ވާހަކަދެކެވިފައިވާ ޕެކޭޖް ރަގަޅުކަމަށް ފެނެއެވެ.

މިގޮތުން ވަޒީފާއިން ވަކިކުރެވޭ މީހުންނަށް އެހެންވަޒީފާއެއް އަދާކުރެވޭވަރަށް  ތަމްރީނުދިނުމަކީ މުހިންމުކަމެކެވެ. މީގައިވިސްނަނަވީ ހަފްތާއެއް ނުވަތަ މަހެއްގެ މުއްދަތަކަށްނޫނުނެވެ. ތަމްރީނުކުރެވޭ ދާއިރާއަށްވިސްނާ އެމުއްދަތު އަހަރުތަކަށް ވުމަކީވެސް މައްސަލައެއްނޫނެވެ.  މިގޮތަށް މިކަން ކުރެވިއްޖެނަމަ، ދިގުރާސްތާގައި، ބަޖެޓުންކުރަންޖެހޭ ރިކަރެންޓް ހަރަދު ނިސްބަތުން ކުޑަވެ، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރާނެފައިސާގިނަވެ، އަދި ބޭރު މަސައްކަތްތެރިން މަދުވުމުން ބޭރަށް ލީކުވެގެންދާފައިސާ މަދުވެގެންދާނެވެ. މިހުރިހާކަމެއްގެ ސަބަބުންވެސް ގައުމުގެ އިގްތިސާދަށް ރަގަޅު އަސަރުތަކެއް ކުރާނެކަން ޔަގީނެވެ. ސިވިލްސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަށް ކުޑަކުރުމަށްވުރެ މުހިންމީ ސިވިލްސާވިސްގެ ސައިޒް ކުޑަކޮށް، އެތަނުން ބާކީވާ މީހުންނަށް އެހެންދާއިރާތަކުގައި ވަޒިފާއަދާކުރުމުގެ މަގުތަނަވަސް ކޮށްދިނުމެވެ. އޭރުން ސަރުކާރުން ބޭނުންވެގެންއުޅޭ ހަރަދުކުޑަކުރުމުގެ ލަނޑުދަނޑި ހާސިލްވެ، އޭގެ އިތުރުންވެސް އިގްތިސާދީ ގިނަފައިދާތަކެއް ހާސިލްވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *