އިގްތިސާދީ ހާލަތު، އައިއެމްއެފް އަދި އިޒްރޭލް

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގިނައިން ދެކެވޭ ވާހަކަތަކަކީ ރާއްޖެއަށް އައިސްގެންއުޅޭ އިގްތިސާދީ ހީނަރުކަމުގެ ވާހަކައާއި އައިއެމްއެފް އެހީގެ ވާހަކަ އަދި އިޒްރޭލާއި ސިޔާސީގުޅުން ބަދަހިކުރުމުގެ ވާހަކައެވެ.

ހުރިހާވާހަތަކެއް ފެށެނީ އިގްތިސާދީހާލަތު ދަޔަށްދާ ހިސާބުންނެވެ. މިދިމާވި ކަންތައްތަކުން ރާއްޖެއަށް އެހެންބައެއްގެ އެހީނެތި ސަލާމަތް ނުވެވޭހާ ހިސާބަށް ގޮސްފައިމިވަނީ އަހަރެމެންގެ އެކަށީގެންވާ ރިޒާވެއް ނެތުމުންނެވެ. ނުވަތަ އެކަށީގެންވާވަރަށް ފައިސާ ދިވެހިސަރުކާރަށް ރައްކާ ނުކުރެވުމުންނެވެ. ރަގަޅު މުސާރަލިބޭ މީހަކުވެސް ފަހަށް ފައިސާ ރައްކާ ނުކުރާކަމަށްވާނަމަ ކުޑަދުވަސްކޮޅަކަށްވެސް މުސާރަލިބުން މަދުވެއްޖެނަމަ ނުވަތަ ނުލިބޭނަމަ އޭނަޖެހޭނީ އެހެން ބައެއްގެ އެހީހޯދާށެވެ. ދަރަންޏަށްނަގާށެވެ. އެގޮތަށް މިގައުމަށްވެސްމިވަނީ މިހާރު ދިމާވެފައެވެ.

އައިއެމްއެފް އަކީ މިކަހަލަ ދަނޑިވަޅުތަކުގައި އެހީދޭން ނުވަތަ ‘ބެއިލްއައުޓްކުރަން’ ތައްޔާރަށް ތިބޭބަޔެކެވެ. އެމީހުންގެ ޝަރުތުތަކާއި އެކުއެވެ. އައިއެމްއެފް ކޮންޓްރޯލް ކުރަނީ އެމެރިކާ އަދި ހުޅަނގު ޔޫރަޕްގެ ގައުމުތަކުންނެވެ. އެހެންކަމުން މިޝަރުތުތަކަކީ އެމީހުންގެ ވިސްނުމާއި ފައިދާއަށް ބުރަވެވޭގޮތަށް ކަނޑައެޅިފައިވާ ޝަރުތުތަކެކެވެ. މިޝަރުތުތަކަކީ އޭގެ ފައިދާއާއިމެދު އިގްތިސާދީމާހިރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުން އުފެދިފައިވާ ޝަރުތުތަކެކެވެ. އައިއެމްއެފްގެ އެހީހޯދާ ބައެއްގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވާކަމަށްވެސް ބައެއް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން ވަޒީފާ ނެތްމީހުން ގިނަވުން، އިޖްތިމާއީ ހިދުމަތްތަށް ދަށަށްދިއުން، ދަރަނިބޮޑުވުން،  އަދި އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާއިތުރުވުން ހިމެނެއެވެ. މީގެއިތުރުން ގައުމެއްގެ އިސްތިގްލާލާ ބެހެވޭވަރަށްވެސް ބައެއް ޝަރުތުތައް ހުރެއެވެ. އަދި ޕްރައިވެޓައިޒްކުރުން އޭގެ ހައްދުން ނައްޓާވަރަށް ބައެއްފަހަރު ގެންދެވެއެވެ.  މިކަންތައްމިހެން އޮތަސް އިނދަޖެހިފައިވާ ގައުމަކަށް މާގިނަ މަގުތަކެއް އޮންނާނެހެން ހިއެއްނުވެއެވެ.

ދެންއޮތީ އިޒްރޭލްގެ ވާހަކައެވެ. ކުއްލިއަކަށް އިޒްރޭލާއި ސިޔާސީގުޅުން ބަދަހިކުރުމުގެވާހަކަ މިހާބޮޑަށް ފެންމަތިވެގެން މިއުޅެނީ ކީޢްވެބާއެވެ. އެއްގޮތަކީ އެމީހުންވެސް ރާއްޖެ މިއިގްތިސާދީހާލަތުން ސަލާމަތްކޮށްދިމުމަށް އެއްބަސްވުމެވެ. އަނެއްގޮތަކީ އައިއެމްއެފްއިން އެހީދިނުމުގެ ޝަރުތެއްގޮތުގައި އިޒްރޭލާއިގުޅުން ބަދަހިކުރުމަށް، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް، ޝަރުތުކުރެވިފައިވުމެވެ. ނުވަތަ މިދެކަމެވެ. ކޮންމެ ގޮތެއްވިއަސް އިޒްރޭލާއި ގުޅުން ބަދަހި ކުރުމަކީ، ސިޔާސީގޮތުން ބެލިއަސް، ގިނަދިވެހިން އަދިބޭނުންވާނެކަމެއް ނޫނެވެ. އިޒްރޭލާއި ގުޅުންބަދަހިކޮށްގެން ފަލަސްތީނު ރައްޔިތުންގެ ހާލަތު ރަގަޅުކުރުމަށް ރާއްޖެއަށް ކުރެވޭމަސައްކަތަކުން ނަތީޖާއެއް ނިކުންނާނެކަމަކަށް ނުފެނެއެވެ. އެހެންވާނަމަ މިސުރަށާއި ޖޯޑަންއަށް އެކަންތައް ކުރެވުނީހެވެ.

އިގްތިސާދީ ހީނަރުކަމަކުން އަރައިގަންނަން ކުރަންޖެހޭ ކަންތައްތަކުގައިވެސް ވަކިހައްދެއް އޮންނަންޖެހޭނެއެވެ. މިކަމުގައި އައިއެމްއެފްއަށް ބަރޯސާވަމުންދާއިރު މިކަމާއިގުޅިގެން އަހަރެމެންނާކުރިމަތިކުރުވާ ޝަރުތުތަކަކީ ކޮބައިކަން އެންމެންނަށްވެސް ސާފުކޮށް އެނގެންޖެހޭނެއެވެ.  މަޖްލިހުގައިވެސް މިކަންތައްތައް ސާފުކުރަން މަސައްކަތެއް ކުރެވޭތަނެއް އަދިނުފެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *