ލިކަރ ޕާމިޓް އަދި ރާވިއްކުމުގެ ހުއްދަ

މިދުވަސްކޮޅު މީޑިއާ އަދި މީހުންގެ ތެރޭގައި އެންމެހޫނުކޮށް ބަހުސް ކުރެވޭ ކަމަކީ މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކުމުގެ މަގުފަހިވާގޮތަށް އިކޮނޮމިކް މިނިސްޓްރީއިން “ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެއަށްގެނައުމާއި ދިވެހިރާއްޖޭގައި ގެންގުޅުމުގެ ގަވާއިދާއި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ވިއްކާފަރާތްތަކުން އަމަލުކުރަންވީގަވާއިދު” ބަދަލުކުރުމުގެ ވާހަކައެވެ. މިހާރު ހުރިހާކަމަކަށްވެސް ވާގޮތަށް މިކަންވެސްވަނީ ސިޔާސީ ގޭމަކަށް ވެފައެވެ.

މީހުންދިރިއުޅޭރަށްތަކުގައި ބަނގުރާ އާންމުވެފައިވަނީ ވަރަށްވެސް ބޮޑަށެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި މިހާރު ދޫކުރެވެމުންދާ ލިކާޕާމިޓް ހިމެނެއެވެ. އަދި ދިވެހިންގެ އުފެއްދުންތެރިކަންވެސް މީގައި ރޯލެއްކުޅެއެވެ. އިކޮނޮމިކް މިނިސްޓްރީއިން މިހާރު އެގަވާއިދު އިސްލާހުކޮށްފައިވާގޮތުން ލިކާޕާމިޓް ދޫކުރުންވަނީ ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން މީހުންއުޅޭރަށްތަކުގައި ބަނގުރާ އާންމުވެފައިވާ މިންވަރު ވަރަށްބޮޑުތަން ކޮންޓްރޯލްކުރެވޭނެކަން ޔަގީނެވެ. އެކަމަކުވެސް މިކަމާއިދެކޮޅުފަރާތްތަކުން ވަނީ މިގޮތަށް ގަވާއިދުބަދަލުކުރުމާ ވަރަށް ބޮޑަށް ދެކޮޅުހަދާފައެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މީހުންދިރިއުޅޭ ރަށްތަކުގައި ރާގެންގުޅުމުގެ ހުއްދަ އޭރުގެ ސަރުކާރުން ދިނީ ކޮންގޮތަކަށް ވިސްނާފަކަމެއް ނޭގެއެވެ. އޭރުއެގޮތަށް ގަވާއިދު ހެދުމުން އެކަމާއި ދެކޮޅުހެދީ ކޮންބައެއްތޯއެވެ؟ ރައްޔިތުންގެ މަޖްލިހުން އެކަމާއިމެދު ބަހުސްކުރެވި ގޮތެއްނިންމިތޯއެވެ؟ ހަމައެންމެންވެސްތިބީ ދިވެހިންގެ “ވަރިހަމަ ސިޔާސަތު” ގައެވެ. މިހާވަރަށް ރާ އާންމުވެގެންދިޔައިރު އެޕާމިޓް އުވާލަން ބާރުއެޅި އެއްވެސްފަރާތެއް ވޭބާއެވެ؟

ދާދިފަހުން އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅިއިރު ރަލާއި އޫރުމަހުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅިއިސްލާހު ފާސްނުވީ ކީއްވެގެންތޯއެވެ؟ އެކަމާދެކޮޅުހެދީ ކޮންބައެއްތޯއެވެ؟ އެމީހުންގެވާހަކަ މިހާތަނަށް އެއްވެސްބަޔަކު ދައްކާފައިވާހެނެއް ހިއެއްނުވެއެވެ.

މިހާރުގެ ސަރުކާރުން މިގަވާއިދު އިސްލާހުކުރުމުގެ ބޭނުމަކީ ވަކިބަޔަކަށް ރާވިއްކުމުގެ ހުއްދަ ދިނުންތޯ ނުވަތަ ބަނގުރާ އާންމުވެފައިވާ މިންވަރު ކޮންޓްރޯލްކުރުންތޯ އެއީ ނޭގިދާނެ ކަމެކެވެ. ޔަގީންވާ ކަމަކީ މީހުންއުޅޭ ރަށްތަކުގައި ރާ އާންމުވެފައިވާ މިންވަރު ކޮންޓްރޯލްކުރަން    މިއިސްލާހުގެ ސަބަބުން  ވަރަށްބޮޑުތަން އެހީވާނެކަމެވެ. އެކަމަކު ސިޔާސީގޭމަކަށް މިކަންވެސްހަދާ ބައެއްމީހުންދަނީ މިހާރުގެ ސަރުކާރުން މުޖްތަމައުގައި ރާ އާންމުކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު އަޅުވާފައެވެ. ލިކާޕާމިޓް ދޭންފެށި ސަރުކާރު ނިސްބަތްވާ ޕާޓީއިންވެސްވަނީ ސަރުކާރުން މިހުށަހެޅި ބަދަލާއި ދެކޮޅަށް މުޒާހަރާ ކުރުމަށްވެސް ނިންމާފައެވެ.

ސަރުކާރުން މިގެންނަން ހުށަހަޅާ އިސްލާހަކީ މިހާރު އަމަލުކުރެވެމުންދާ ގަވާއިދަށް ގެނެވޭ ވަރަށް ރަނގަޅު އިސްލާހެއްކަން ޔަގީނެވެ. އެކަމަކު މިއީ އެންމެރަގަޅު އިސްލާހުބާއެވެ؟ މީހުންއުޅޭ ރަށްތަކުގައި ކޮންމެހެން ރާލިބެން ހުންނަޖެހޭކަމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ކީއްވެހެއްޔެވެ؟ މިކަންމިގޮތަށް އޮންނަންޖެހޭކަމަށް ރައްޔިތުންނަށް ވިސްނާދޭން އުޅޭހެން ބައެއްފަހަރު ހީވެއެވެ. މިކަން މިހެންނުވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް މިކަމުން ނުބައިއަސަރުތަކެއް ކުރާނެކަމަށް ދައްކަން އުޅޭތަން އެބަފެނެއެވެ.  އެކަމަކު މީހުންއުޅޭރަށްތަކުގައި ރާއްނުވިއްކުމުން ރިސޯޓްތަކުގައި ކުރިއަށްދާ ވިޔަފާރިއަށް ކުރާނީ ކޮންއަސަރެއް ހެއްޔެވެ.

 ހޮލިޑޭއިން ކަހަލަ ސިޓީހޮޓަލެއްގައި ރާ ނުވިއްކިއަސް ރާއްޖޭގެ ފަތުރުވެރިކަން އިނދައެއްނުޖެހޭނެއެވެ.  ސިޓީހޮޓަލެއްގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނާނީ ނިސްބަތުން ވަރަށް މަދުބަޔެކެވެ. ގިނަވާނީ ވިޔަފާރި ނުވަތަ ޓްރާންސީޓް ފަތުރުވެރިންނެވެ. ބާއެއް ހުރުމަކީ މިމީހުން ސިޓީހޮޓަލަށް އައުމާއި ނައުމުގައި މާބޮޑު މުހިންމުކަމަކަށް ނުވާނެއެވެ. އަދި މުޖްތަމައުގައި ނިކުންނާނެ މައްސަލަތަކަށްބަލާ ލާރިކޮޅެއްމަތިން ހަނދާން ނައްތާލުމަކީ މައްސަލައެއްނޫނެވެ. އެހެންކަމުން މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކުމުގެ ހުއްދަ އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރައްޔިތުންނަށް ވިސްނާދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމެވެ.

ދެންއަޑުއިވެނީ ވިއެނާ ކޮންވެންޝަނުގެ ދަށުން އޮންނަ ޑިޕްލޮމެޓިކް އިމިއުނިޓީ އަކާހެދި ޑިޕްލޮމެޓުންނަށް ބަނގުރާ މީހުންއުޅޭރަށް ތަކުގައިވެސް ލިބުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ. އެކަމަކު އެކަމަކީ ރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ ކަމެއްނަމަ އެހައްގު އޮންނަން ޖެހޭނެހެނެއް ހިއެއްނުވެއެވެ. މި ޑިޕްލޮމެޓިކް އިމިއުނިޓީއާއި ރާ ގެންގުޅުމުގެ ހުއްދައާއިހުރި ގުޅުން ތަންކޮޅެއް ސާފުކޮށް ސަރުކާރުން ކިޔައިދީފިނަމަ ވަރަށް ރަގަޅުވީހެވެ.

މުޖުތަމައު ފަސާދަކުރުވަނިވި ގަވާއިދަކަށް އިސްލާހު ގެންނައިރު ރަނގަޅު އިސްލާހުގެ ބަދަލުގައި އެންމެރަގަޅު އިސްލާހު ގެނައުމަކީ ބުއްދިވެރިގޮތެކެވެ. އެހެންކަމުން މިގަވާއިދުގެ ދަށުން މީހުން ދިރިއުޅޭރަށްރަށުގައި ބަނގުރާ ގެންގުޅެވޭނެ ހުރިހާދޮރުތަކެއް ބަންދުކުރުމަކީ އެންމެރަގަޅުގޮތްކަމުގައި ދެކެމެވެ.

Leave a Reply

Your email address will not be published.