މައިކްރޯ ކްރެޑިޓް – ރާއްޖޭގައި ކާމިޔާބު ކަމާއިއެކު ހިންގިދާނެކަމެއްބާ؟

ރާއްޖޭގައި ހިންގާ ބޭންކް ތަކަކީ އެންމެބޮޑަށް އެބޭންކްތަކުގެ ހިދުމަތަށް ބޭނުންވާ މީހުންނަށް ހިދުމަތް ނުދެވޭ ބޭންކް ތަކެކެވެ.ބުނަންމިއުޅޭ ވާހަކައަކީ ލޯނުތައް ބޭނުންންވާ އެންމެ އާދައިގެ މީހާއަށް ލޯނު ނުދޭ ބޭންކް ތަކެކެވެ. ލޯނެއް ބޭނުންނަމަ ހޯދަންޖެހޭ ގެރެންޓީދޭ މީހުންނާއި ބަހައްޓަންޖެހޭ ރަހުނުތަކުގެ ސަބަބުން ލޯނު ހޯދުން ވަނީ އުދަގޫ ކަމަކަށް ހަދާފައެވެ. މިބުނެވުނު ކަހަލަ މީހުންނަށް މައިކްރޯ ކްރެޑިޓް ސްކީމެއް ދެމެހެއްޓެނިވިގޮތެއްގައި ހިންގިދާނެބާއެވެ؟

 މީގެ ދުވަސްކޮޅެއް ކުރިން ފަނަރަ ހާސްރުފިޔާގެ ލޯނުތަކެއް ދިންކަން އެނގިފައިވެއެވެ. އެކަމަކު އެދެވުނީ މާބޮޑު ރޭވުންތެރިކަމެއްނެތި ކަމުގައި ފެނެއެވެ. އުފެއްދުންތެރި މަސައްކަތްތަކަށް ހޭދަކުރުމުގެ ބަދަލުގައި އެފައިސާ ގިނަމީހުން ހަރަދުކުރީ ސައިކަލްކަހަލަ އެއްޗެހި ގަންނާށެވެ. ލޯނުދިނުމުގެ އަސްލު މަގްސަދު ހާސިލްވިހެނެއް ހިއެއް ނުވެއެވެ.

މައިކްރޯ ކްރެޑިޓަކީ އަމިއްކަ ފައިމައްޗަށް ތެދުވާންއުޅޭ ފައިސާގެ ތަނަވަސްކަން މާބޮޑަށް ނެތް މީހުންނަށް ދެވޭ ކުޑަކުޑަ ލޯނެކެވެ. ކުދިވިޔަފާރިތަކަށްދޭ ލޯނާ މިއާވެސް ތަފާތެވެ.  ގިނަފަހަރަށް މައިކްރޯ ކްރެޑިޓް ދެވެނީ އެބޭނުންވާނޭ ކަހަލަ މީހުންގާތަށްގޮސް އެމީހުންގެ މަސައްކަތްތަށް ބަލާ އެކަމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މިލޯނުގެ އެއްބަސްވުމަކީ ކޮންމެހެން ގާނޫނީގޮތުން ތަންފީޒުކުރެވޭ އެއްބަސް ވުމަކަށް ވުރެ ލޯނުދޭފަރާތާއި ލިބޭފަރާތުގެ މެދުގައި ކުރެވޭ އިތުބާރުގެ މައްޗަށް ބުރަވެ ވެވޭ އެއްބަސްވުމަކަށް ވުން މުހިންމެވެ.

ލޯނުދިނުމަށްފަހު އެލޯނުގެ ބޭނުން ކުރެވެމުންދާގޮތް ގާތުން ބަލާ ލޯނުނެގިފަރާތުގެ ދިރިއުޅުމުގެ ހާލަތު ރަގަޅުވަމުންދޭތޯ ބެލުމަކީ ލޯނުދިނުމުގެ އަސްލު މަގްސަދު ހާސިލްވޭތޯ ބެލުމަށް ކުރަންޖެހޭނެ ކަމެކެވެ.

މިގޮތަށް ދެވޭ ކުޑަލޯނުތައް އަނބުރާދައްކަންޖެހޭނީ ވަރަށް ކުޑައަދަދަކުން ދައްކާ ނިންމޭ ގޮތަކަށެވެ. އަދި ދެއްކުން ލަސްވެއްޖެނަމަ އިންޓްރެސްޓް ނާރަގޮތަށް ހަމަޖެހިފައިއޮތުން މުހިންމެވެ. މިކަހަލަ ލޯނެއްގައި އެއްވެސް ވަރަކަށް އިންޓްރެސްޓް ނުހިމަނާ، ލޯނުނަގާފަރާތަށް އެލޯނުން ފައިދާވެއްޖެނަމަ އެފަރާތުން ބޭނުންވަރެއް ދެއްކޭގޮތަށް އޮތުމަކީ އިންސާފުވެރި އަދި ލޯނުދޭ ފަންޑު އިތުރުކުރެވޭނެގޮތެއް ކަމުގައި ފެނެއެވެ.

މައިކްރޯ ކްރެޑިޓް ސްކީމެއްފަށަން ބޭނުންވަނީ ކުޑަވަރެއްގެ ފަންޑެކެވެ. އަދި ލޯނުބޭނުންވާ ފަރާތްތަކާއި ކައިރިން މަސައްތަކް ކުރާނޭ ބަޔެކެވެ. ފައިސާގެތަނަވަސްކަމެއްނެތް ބަޔަކަށް ބޭންކުތައް މެދުވެރިކޮށް މިހާރު ލޯނުދޭ އުސޫލުން ލޯނުދީގެން އެލޯނުތައް ދިނުމުގެ އަސްލު މަގްސަދު ފުރިހަމައަށް ހާސިލްވާނެމަކަށް ގަބޫލެއް ނުކުރެއެވެ.

މަތީގައި ބުނެވުނުކަހަލަ މައިކްރޯކްރެޑިޓް ސްކީމެއް ރާއްޖޭގައި ކާމިޔާބުކަމާއިއެކު ހިންގިދާނެތޯބެލުމަށް ކޮންމެވެސްބަޔަކު އިސްނަގަން ވެއްޖެއެވެ.  އަބަދު ސަބްސިޑީ ދިނުމުގެ ބަދަލުގައި އަމިއްލަފައިމައްޗަށް ތެދުވުމަށް މިކަހަލަ ސްކީމަކުން އެހީފޯރުވުމަކީ މާރަގަޅުކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *