މީހުންގެ ކޭޝްކާޑު އެމީހުންނަށްނޭގި އޭޓީއެމްތަކުން ފައިސާނެގުމާއި އަދި ފިހާރަތަކުން ވިޔަފާރިކުރުމަށް ބޭނުންކުރާހަބަރު ދޭތެެރެދޭތެރެއިން އިވެމުންދެވެ. މިމަހުގެ ފަހުކޮޅު ޕޮލިހުންވަނީ މިގޮތަށް ކޭޝްކާޑުތަކުން ވައްކަންކުރަމުންދިޔަ ބޮޑު ގްރޫޕެއް ފަޅާއަރުވާލާފައެވެ. ދިވެހިން ކޭޝްކާޑާއި ކްރެޑިޓް ކާޑު ބޭނުންކުރާގޮތުންނާއި އަދި ބޭންކުންނާއި ފިހާރަތަކުން ކާޑު ބޭނުންކުރަން ހަމަޖައްސާފައި ހުންނަގޮތްތަކުން މިކަހަލަކަމެއް ވުމަކީ ދުރުގައިވާނެކަމެއްނޫންކަން ކުރީގައިވެސް އެނގެއެވެ.
ދިވެހިބޭންކަކީ ދިވެހިން އެންމެގިނައިން އެބޭންކެއްގެ ކާޑު ބޭނުންކުރާ ބޭންކެވެ. އޭޓީއެމްތަކުން ދޫކުރާސްލިޕްތަކަކީ އޭގައި މުހިންމު އަދި އެހެންމީހުންނަށް އެނގެންނުޖެހޭކަހަލަ މައުލޫމާތު ހުންނަ ސްލިޕްތަކެކެވެ.އޭޓީއެމް ހިދުމަށް ފެށިއިރު ސްލިޕްކޮޅުގައު އެކައުންޓްނަމްބަރާއި ކާޑު ނަމްބަރުވެސް ޗާޕް ކުރެވިފައިވެއެވެ. މިކަހަލަ ސްލިޕްތައް އުކާލުމަށް އޭޓީއެމްތަކުގެ ކައިރީ ބޭންކުން ބަހައްޓާފައި ހުންނަނީ އާދައިގެ ޑަސްޓްބިންތަކެކެވެ. ބޭނުންކޮންމެމީހަކަށް އުކާލާފައި ހުންނަ ސްލިޕްތައް ބަލާލެވޭނެ ގޮތަށެވެ. ބޭރުގެ ބައެއް އޭޓީއެމްތައް ކައިރީ ސްލިޕްއުކާލަން ނުހުޅުވޭކަހަލަފޮށި ބަހައްޓާފައިހުރެއެވެ. އޭރުން އެހެންމީހަކަށް ސްލިޕްގައިވާ މައުލޫމާތު ނުފެންނާނެއެވެ. މިއާއެކު އޭޓީއެމްސްލިޕްތައް ކޮންމެ ކޮންމެތާކަށް އުކާނުލުމަށް މީހުން ހޭލުންތެރިކުރުވުން މުހިންމެވެ. އަދި ސްލިޕްކޮޅު ޗާޕްކުރުމަކީ ބޭނުންކުރާފަާތް ބޭނުންނަމަ ކުރެވޭ ކަމެއްގެ ގޮތުގައި ބެހެއްޓުމަކީވެސް ރަގަޅުގޮތެކެވެ.
ދެންއޮތީ ސިއްރުނަމްބަރު ނުވަތަ ޕިންގެ ވާހަކައެވެ. ޕިންގެ ސިއްރުކަން ދަމަހައްޓަން ދިވެހިން އެހާ މުހިންމުކަންދޭހެނެއް ހިއެއްނުވެއެވެ. ކެއުމަށްފަހު ބިލްދައްކަން ކާޑާއި ސިއްރުނަމްބަރު ވެއިޓަރުއަތަށް ދެނީ އެއްވެސް ޖެހިލުމެއްނެތިއެވެ. ކާޑެއް ކޮޕީކުރަން ބޭނުންވާނެހުރިހާ މައުލޫމާތެއްހެން ދެވޭއިރުވެސް މާބޮޑު ފަރުވާލެއް ނެތިއެވެ. ދެންއޮތީ ފިހާރަތަކުގައި ކާޑު މެޝިން ބަހައްޓާފައި ހުންންގޮތުގެ ވާހަކައެވެ. ޕިން ޖަހާއިރު އެހެންމީހުންނަށް ނުދައްކާ ޖެހޭގޮތަށް މެޝިންބަހައްޓާފައި ހުންނަތަނެއް ވަރަށް ނުފެނެއެވެ. ބޮޑެތި ފިހާރަތަކުގައިވެސް މެޝިންތައް ދެފޫޓޫ މައްޗައް ނަގާފައި ހުންނައިރު ހީވަނީ ޕިން އަކީ އެެންމެންނަށް ދައްކައިގެން ޖަހަން ޖެހޭ އެއްޗެއް ހެނެވެ. މިކަހަލަ ކަންތައްތަށް ރަގަޅު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތަކެކެވެ.
ކާޑު ބޭނުންކުރުމުގައި ތިރީގައިމިވާކަންތައްތަކަށް ސަމާލުވެލައްވާ:
*އޭޓީއެމް ބޭނުންކުރާއިރު ކީބޯޑު އެހެންމީހުންނަށް ނުފެންނާނެގޮތަށް ހުރުން
*އޭޓީއެމް އަދި ކޭޝްކާޑު ސްލިޕްކޮޅު އެއްލާނުލާ. އުކާލާނަމަ އޭގައިވާ މައުލޫމާތު ނޭގޭގޮތަށް ހެދުމަށް ފަހު އުކާލުން
*ޕިން އެހެންފަރާތަކަށް ހާމަނުކުރުން،ހާއްސަކޮށް ކާޑާއި ޕިން އެއްކޮށް ފައިސާކަނޑަން ނުވަތަ ނަގަން އެހެން މީހަކާއި ހަވާލުނުކުރުން
*ފިހާރަތަކުގެ ކޭޝްކާޑު މެޝިންގައި ނަމްބަރުޖަހާއިރު އެހެން މީހުނަށް ނުފެންނަގޮތަށް ޖެހުން