ސިޓީ ހޮޓާ ތަރައްގީކުރަން ސަރަހައްދެއް ކަނޑަ އަޅާއިރު އިތުރަށް ވިސްނާލުން މުހިއްމު

ފުވައްމުލަކުގައި އަޅަން ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ އެގްރީމެންޓް ވަނީ، އެމަސައްކަތް ހަވާލުކުރެވުނުތާ ގާތްގަޑަކަށް ތިން އަހަރު ފަހުން ކެންސަލްކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ސިޓީ ހޮޓާ އަލުން ބީލަމަށް ލާނެކަމަށެވެ. އަލުން ސިޓީ ހޮޓާ ތަރައްގީކުރަން ފުރުސަތު ހުޅުވާލާއިރު އިތުރަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ.

ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ އެއްބަސްވުން ކެންސަލް ކުރެވުނީ އެކަމުގެ ބީލަން ކާމިޔާބު ކުރިފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީއެވެ. ހޮޓާނޭޅި ލަސްވުމުން ލިބޭ ގެއްލުމާއި ހޮޓާއެޅުމަށް ވަކިކުރެވުނު ސަރަހައްދުގައި ދަނޑުވެރިކަން ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ ޒިންމާ ނަގާނެ ފަރާތެއް ފެންނާކަށް އަދި ނެތެވެ.

މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓާ ތުނޑީ ސަރަހައްދުގައި ހެދުމަށް ނިންމީ ކޮންގޮތަކަށް ވިސްނާފަތޯ ބަލަން މުހިއްމެވެ. ސިޓީ ހޮޓަލެއްގެ ކޮންސެޕްޓަށް ހަދާތަނެއް ކޮންމެހެން ތުނޑީ ސަރަހައްދުގައި ހެދުމަކީ މުހިންމުކަމެއް ކަމަކަށް ނުފެނެއެވެ. ވިސްނަން ޖެހޭނީ ރަށުގެބިން އެންމެ އުފެއްދުންތެރި، ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ބޭނުން ކުރެވޭނީ ކޮން ކަމަކަށް އަދި ކޮންގޮތަކަށް ބޭނުން ކޮށްގެންތޯއެވެ. މިހާރު ހޮޓާއެޅުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ދަނޑުވެރިކަން ކުރުމަށް ވަރަށް ރަގަޅު އަދި ދާދިފަހަކާއި ޖެހެންދެން ގިނަބަޔަކު އެބިމުން މަންފާ ހޯދަމުން އައިސްފައިވާ ބިމެކެވެ. އެހެންކަމުން މިހާރުން މިހާރަށް ކުރެވެން ހުރިމަސައްކަތްތަކަށް ބަލާއިރު މިބިމުން އެންމެ އެކަށީގެންވާ ފައިދާއެށް ނެރެވޭނީ ދަނޑުވެރިކަމަށް މިބިން ބޭނުން ކޮށްގެންކަމަށް ފެނެއެވެ. އަދި ތުނޑިއަކީ ފުވައްމުލަކު ރައްޔިތުންވެސް ހިތްހަމަޖައްސާލާ ޕިކްނިކް ދާން އޮންނަ ހަމައެކަނި ތަނަށްވާއިރު އެތަން ފަތުރުވެރިކަމަށް ދޫކުރުމަކީ އުދަގޫ ތަކާ ދިމާވާނެ ކަމެކެވެ.

ފުވައްމުކުގައި ތަރައްގީކުރަން ވިސްނާ ފަތުރުވެރިކަމުގެ ކޮންސެޕްޓަށް ބަލާއިރު ހޮޓާތަރައްގީކުރެވޭނެ ބިން ފުވައްމުލަކު އެހެން ހިސާބުތަކުން ލިބެން އެބައޮތެވެ. މިގޮތުން ފާހަގަކޮށްލެވޭ ސަރަހައްދަކީ މިރަށު ކުޅީ ސަރަހައްދެވެ. ކުޅީ ފެން އަދި ޗަސްބިން ހިމެނޭ ސަރަހައްދަކީ އެސަރަހައްދު ހިމާޔަތްކޮތް އަދި ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަކަށް އެސަރަހައްދުގައި ރަގަޅު ކޮންސެޕްޓަކަށް ހޮޓަލެއް ތަރައްގީ ކުރެވިއްޖެނަމަ އެބިމުގެ ބޭނުން ރަގަޅުގޮތުގައި ހިފިދާނެ ސަރަހައްދެކެވެ. އެބިމުން ދިރިއުޅެން ގޯތިދިނުމަކީ އެސަރަހައްދުގެ ރީތިކަން ގެއްލި އަދި ތިމާވެށީގެ ގޮތުން ގެއްލުންތަކެއް ކުރިމަތިވާނޭ ކަމެކެވެ. އެހެންކަމުން އެސަރަހައްދުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ އެތަނެއްގެ މާހައުލާއިގުޅޭގޮތަށް ފަރުމާކުރެވޭ ރިސޯޓެއް ނުވަތަ ހޮޓަލެއް ހިންގައިގެންކަމަށް ފެނެއެވެ. އަދި މީގެ އިތުރުންވެސް ހޮޓާ ގެސްޓު ހައުސް އެޅުމަށްވެސް ރަށުތެރޭ އެކި ސަރަހައްދުތަކުން ބިން ކަނޑައެޅިދާނެއެވެ.

ސިޓީހޮޓާ ކުޅީ ސަރަހައްދުގައި ތަރައްގީކުރަން ވިސްނުމަކީ އެސަރަހައްދުގެ ބޭނުން ފައިދާކުރަނިވިގޮތެއްގައި ބޭނުންކުރެވިދާނެ ވިސްނުމެކެވެ. އަދި ހަމައެހެންމެ މިހާރު ކަނޑައެޅިފައިވާ ސަރަހައްދު ދަނޑުވެރިކަމަށް ދޫކޮށްލުމަކީވެސް އެބިމުގެ ބޭނުންވެސް ރަގަޅުގޮތުގައި ހިފިގެންދާނެ ކަމެއްކަން ޔަގީނެވެ. ފުވައްމުލައް ކަހަލަ ވަކިން އޮންނަ އެންމެ ރަށެއްގައި ކޮންމެ ބިމެއްވެސް  އެބިމުގެ ބޭނުން އެންފުރިހަމަގޮތުގައި ހިފި ރައްޔިތުންނަށް މިހާރާއި އަދި މުސްތަގުބަލުގައި އެކަމުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި އެބިން ބޭނުން ކުރެވޭނެ ގޮތަށް ކަންތައްތައް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ނިންމުމުގައި ކޮންމެ ބިމެއްގެވެސް އެންމެފުރިހަމަބޭނުން ކުރެވޭނީ ކޮންކަމެއްކޮށްގެންތޯ ބެލުމުގެ ދިރާސާތަށް ކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *