އެމަޖެންސީހާލަތެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރު ހަނދާން ހުންނަނީ ކިތައް މީހުން ބާއެވެ؟ މާލޭގައި ހުންނައިރު ގުޅަންޖެހޭ ނަމަބަރުތައް ހިތުދަސްކޮށްގެން ހުއްޓަސް އެހެންރަށެއްގައި ހުއްޓާ ކަމެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރުތަކެއް ނޭގޭނެއެވެ. އަދި މާލޭގައިވެސް ކޮންމެކަމަށް ވަކިނަމްބަރުތަކެއް ވާއިރު ހަނދާންބަލިމީހުނަށް އެމަޖެންސީއެއްގައި ހުންނާނީ ހަދާނެގޮތް ހުސްވެފައެވެ. އެމްބިއުލެންސަށްގުޅަން، ޕޮލިހަށްގުޅަން، އަލިފާންނިއްވަން ގުޅަން މިހެންގޮސް މިކަހަލަ ކޮންމެކަމަކަށް ކޮންމެރަށަކަށް ވަކިނަމްބަރުތަކެއް ހުރުމަކީ ކޮންމެހެންވެސް ބަދަލުކުރަންޖެހޭ ކަމެއްކަމުގައި ފެނެއެވެ.
މިކަމަކީ ވަރަށް ފަސޭހައިން ރައްޔިތުންނަށް ފަސޭހަވާގޮތަށް އެކަމެއް ބަދަލުކޮށްލެވޭނެ ކަމެކެވެ. ބޭނުންވަނީ ރާއްޖޭގެ ކޮންމެތާކުންވިއަސް ކޮންމެކަހަލަ އެމަޖެންސީއަކަށް ގުޅަންޖެހުނަސް ގުޅާނެ އެންމެ ނަމްބަރެކެވެ. މިގޮތަށް އޮތުމުން ރައްޔިތުންނަށް މައުލޫމާތުދީގެން އަދި އިޝްތިހާރުކޮށްގެން މިނަމްބަރަކީ އެންމެން ދަންނަ ނަމްބަރަކަށް ހަދާލެވިދާނެއެވެ. މިސާލަކަށް ބައެއް ގައުމުތަކުގައި 911 ބޭނުންކުރާ ގޮތަށް ރާއްޖޭގައި ބޭނުންކުރާ ނަމްބަރު މައްޝޫރުކޮށްލެވިދާނެއެވެ. ދެންއޮތީ ޚިދުމަށް ފޯރުކޮށްދޭ ފަރާތަށް މިކަން ކުރެވޭނެގޮތަކަށް ބަލާލުމެވެ.
މިކަންކުރެވޭނެ އެއްގޮތަކީ މީހަކު އެމަޖެންސީ ނަމްބަރަށް ގުޅާލުމުން ގުޅާމީހާއި އެންމެކައިރީގައިވާ އެމަޖެންސީކަންތައްބަލަހައްޓާ މަރުކަޒަކަށް އެކޯލް ފުނުވާލުމެވެ. މިއީ ދުވަސްވީ ޓެކްނޮލޮޖީގެ އެހީގައިވެސް ކުރެވިދާނެ ކަމެކެވެ. ޖަވާބުދޭ މަރުކަޒުން މައުލޫމާތުހޯދާ ފޮނުވަންޖެހޭ ފަރާތް (ޕޮލިސް، އެމަބިއުލެންސް، އަލިފާން) އެސަރަހައްދަކަށް ފޮނުވަން އެންގިދާނެއެވެ. މިކަމުގައި އިތުރުޚަރަދަކަށް ވާނީ އެމަޖެންސީ ކަންތައްތަކަށް ޖަވާބުދޭނެ މަރުކަޒެއް ހަދާ މުވައްޒަފުން ހޯދުމެވެ. މީގެ ބަދަލުގައި މިހާރުވެސް 24 ގަޑިއިރު ޚިފުމަތްދޭ ފުލުސް އޮފީސް ކަހަލަ ތަންތަން މިކަން ފަށައިގަންނައިރު ބޭނުންކުރެވިދާނެއެވެ.
ދެންއޮތްގޮތަކީ އެމަޖެންސީކޯލްތަކަށް ޖަވާބުދޭން އެންމެމަރުކަޒެއް ގާއިމު ކުރުމެވެ. މާލޭގައިވިއަސް އެހެންރަށެއްގައިވިއަސް ވަރިހަމައެވެ. އެތަނުން ފޯނުނެގުމަށްފަހު ގުޅާމީހަކުހުރިރަށުގެ އެކަމާއިގުޅޭ ފަރާތަށް އެކޯލް ފޮނުވާލެވިދާނެއެވެ. ނުވަތަ މައުލޫމާތު ހޯދުމަށްފަހު ފޮނުވަންޖެހޭފަރާތް ފޮނުވަން އެންގިދާނެއެވެ.
މިކަމަކީ މާބޮޑު އިތުރުހަރަދުތަކެއްނުކޮށްވެސް ކުރެވިދާނެ ކަމެކެވެ. އަހަރެމެން ހިތައްއަރުވާލަންވީ އެމަޖެންސީކަމެއްގައި ގުޅަންޖެހިއްޖެއްޔާ ގުޅާނެނަމްބަރު އެނގޭތޯއެވެ. އަދި މިވަނި އެވެނި ރަށެއްގައި ހުއްޓާ އެމަޖެންސީއެއް ދިމާވެއްޖެނަމަ ގުޅާނެނަމްބަރު އެނގޭތޯއެވެ. ގިނަމީހުނަށް ނޭގޭނެކަމީ ޔަގީންކަމަކެވެ. އެހެންކަމުން މިކަހަލަ ހިދުމަތެއްގެ މުހިންމުކަމައާއި ދޭތެރޭ ދެބަސްވާނޭ މީހަކު ހުންނާނެ ހެނެއް ހިއެއްނުވެއެވެ.