(1) ފުވައްމުލަކުގައި ހަށި ގަނެ ވިއްކުމުގެ ވިޔަފާރި ނެޓުވޯކެއް ފަޅާއަރުވާލި ވާހަކައާއި ގުޅިގެން މިމަހު 11 ވަނަ ދުވަހު “ހަވީރު” ގެ އާޓިކަލްއެއްގައި ރަށު މީހަކާ ހަވާލާދީ ބުނެފައިވަނީ “އެ ދެ އަންހެން ކުދިންނަކީ ރަށުތެރެ އަށް ގިނަވެގެން އުޅޭ ދެ ކުދިން” ކަމަށެވެ.
(2) “ރަށުތެރެއަށް ގިނަވެގެން އުޅޭ” ކުދިންނޭ ބުނި މީހާ ކައިރީ އަހަރެން އަހަން ބޭނުންވާ ސުވާލަކީ ރަށުތެރެއަށް އެމީހުން ގިނަވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެހިސާބަށް އެކަން ދިޔައިރު މުޅި މުޖުތަމައު އޮތީ ނިދާފަ ހެއްޔެވެ؟ ކަމާބެހޭ ދައުލަތުގެ މުއައްސަސާތައް ވީ މަހަށް ގޮސް ހެއްޔެވެ؟
(3) އަހަރެމެންގެ މުޖަތަމައުގެ ހާލަތު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ނަމުން ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ކަން ހުރީ ކިހިނެއް ހެއްޔެވެ؟
(4) ކުޑަކުދިންނާ ބެހުން ރާއްޖޭގައި އޮތީ ހައްދު ފަހަނަޅާފައެވެ. އަވައްޓެރިންނަށާއި އާއިލާމީހުނަށް އެނގޭއިރުވެސް ކިތައްމީހުން އެކަންތައްތައް ނޭގޭކަމަަށް ހަދައިގެން ސިއްރުކޮށްގެން ތިބޭ ހެއްޔެވެ؟ ޕޮލިހުންނާ ހަމައިން ކިތައް މައްސަލަ އޮއްބާލާ ހެއްޔެވެ؟ ޕީޖީގައި ކިތައް މައްސަލަ ޕާކު ކޮށްފައި ވޭ ހެއްޔެވެ؟ ކިތައްމައްސަލަ މާފު ކޮށްދެއްވާފައި ވޭ ހެއްޔެވެ؟
(5) އަހަރެމެންގެ މުޖުތަމައު ތެރޭގައި ނަހަލާލު ކިތައްކުދިން ވިހާ ހެއްޔެވެ؟ ކިތައްކުދިން އެކުދިން އެކުދީންގެ ބައްޕަކަމަށް ބަލާ މީހުން އެއީ އަސްލު ބައްޕަ ނޫން ކަމުގައި ވޭހެއްޔެވެ؟ ތަންގަނޑު މީހުނަށްވެސް އެނގެއެވެ. އެވާހަކަ ދައްކާނީ މަޖަލަކަށެވެ. ޖެއްސުމަކަށެވެ. މާބޮޑު ހަރާން ކަމަކަށް ނުވަތަ ކުށަކަށް މުޖުތަމައު އެކަން ގަބޫލު ކުރާފާޑު ނުޖަހައެވެ.
(6) ސްކޫލްތަކުގައި ކުދިންނާ ބެހޭ ޓީޗަރުންނާއި ހެޑުމާސްޓަރުއްނާ މުއައްޒަފުން ނޫޅޭ ހެއްޔެވެ؟ އެކަން އެންމެން ދައްނަ ސިއްރަކަށް ވާއިރުވެސް އެޓީޗަރުން ވަޒީފާ މަތިވެ ބޮޑެތިމަގާމުތައް ލިބެމުން ދަނީ އެއްމެން ކުރިމަތީގައެވެ. މުޖުތަަމައު އަދި މުއައްސަސާތައް ތިބެނީ ހަނުހުރުމުގެ ފަސޭހަ ބޭނުން ކޮށްގެއްނެވެ.
(7) ރާއްޖޭގެ ރަށްތަކުގައި މަސާޖުޕާލާތަކާ ސްޕާތައް ދަނީ އިތުރުވަމުއްނެވެ. ނަމެއްގައި ޕާލާތަކާއި ސްޕާތަކެވެ. ހިނގަނީ އެހެން ކަމެކެވެ. މުޖަތަމައު އޮތީ ހިމޭނުއްނެވެ.
(8) އެފްބީ ކިޔާއެއްޗެއް ފެނިއްޖެއެވެ. ކުޑަކުދިންވެސް އެއަށްވަދެ ގޮތްގޮތަށް ފޮޓޯނަގާފައި ޖަހަނީއެވެ. ލިބޭ ލައިކުސް އިއްނާ ކޮމެންޓްތަކުން ހިތްހަމަ ޖައްސާލަމުންނެވެ. ސަތޭކައިން ފުރެންޑް ލިސްޓް ފުރާލުމަކީ ޖެހޭ މެޑަލެކެވެ. ނޭގޭ މީހުނާ ވާހަކަ ދައްކަމުން ހިތްހަމަ ޖެހިގެން ތިބެއެވެ. އަކަމަކު މިކަމުގައި ކުޑަކުދިންނަށް ހުރި ނުރައްކާތަށް މުޖުތަމައަށް ނޭގެނީ ހެއްޔެވެ؟ ކަމާބެހޭ މުއައްސަސާތަކަށް މިކަން އޯކޭ ވަނީ ހެއްޔެވެ. ބެލެނިވެރިއްނާއި ކުދިންނަށް މިކަންކަން ސީރިއަސް ކަމެއްގެ ގޮތުގައި ވިސްނާދޭން އެބަޖެހޭ ނޫންތޯއެވެ.
(9) މަސްތުވާތަކެތިވަނީ ހުރިހާ އެންމެންގެ އަތްފޯރާފަށަށް އައިސްފައެވެ. ކުޑަކުއްޖެއް އަންހެނެއް ފިރިހެނެއް މުސްކުޅިއެއް ތަފާތެއް ނެތް ގޮތުގައެވެ. ތަރައްގީގެ ރަހަ ނުފޯރިއަސް މަސްތުވާތަކެތިވަނީ ހުރިހާ އާއިލާއަކަށްވެސް ފޯރާފައެވެ. އެހެން ހުރިހާ ކުށަކަށް ކުރެވޭ ރިލޯޑެއް ގޮތުގައިވެސް މެއެވެ. އެކަށީގެންވާ ހައްލެއް މިކަމަށް ހޯދައި ނުދެވުނުތާ، މިކަން ދަނީ އިތުރަށް ފުޅާވަމުންނެވެ.
(10) އަހަރެންގެ ޕޮއިންޓަކީ މިއެވެ. އަހަރެމެންގެ ދަރިން އުޅެ ބޮޑުވަން އަހަރެމެން އެމީހުންނަށް ހޯދައިދީފައި މިވަނީ ކޮން ކަހަލަ މުޖުތަމައެއް ހެއްޔެވެ؟ އެކުދިއްނަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަން އެކުދިންނަށް ލިބޭ މުޖުތަމައެއް ހެއްޔެވެ؟ އަހަރެމެއްނަކީ “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށްއަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ” މުޖުތަމައެއް ހެއްޔެވެ؟ ނުވަތަ ކޮންމެކަމެއް ވަރިހަމަ މުޖުތަމައުއެއް ހެއްޔެވެ؟
(11) އެހެންވީމާ ” ރަށުތެރެ އަށް ގިނަވެގެން އުޅޭ ދެ ކުދިން” ނޭ ބުނުމުގެކުރިން ވިސްނާލާށެވެ. އެއީ އަހަރެމެންގެ މުޖްތަމައު ފޭލްވެފައިވާ ފޭލިވުމުގެ ނަތީޖާއެވެ. އަދިވެސް ސައްތައިންސައްތަ މުސްލިމުންނޭކިޔާފަ ހެވިދިއްލިފަ ތިބެންވީހެއްޔެވެ؟ ނުވަތަ އެއްމެންވެސް މިކަންކަން ރަނގަޅުކުރުމަށް މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ނުކުންނަންވީ ހެއްޔެވެ؟